ރިއަލިޓީ ޝޯތަކާއި ޓޯކް ޝޯތަކަކީ މިއަދުގެ ދުނިޔޭގައި އާއްމުންގެ މެދުގައި އެންމެ މަގުބޫލުވާ ޓީވީ ޕްރޮގްރާމް ތަކެވެ. ނަތީޖާއަކަށްވަނީ އެ ދާއިރާގައި އުޅޭ މީހުންނަށް ބޮޑު އާމްދަނީ އެއް ލިބުމެވެ.
އެގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ޓީވީ ހޮސްޓްގެ މިލްކިއްޔާތުގައި މިވަގުތު އެކަނި ވެސް ތިން ބިލިއަން ޑޮލަރު އެބަހުރި ކަމަށް ފޯބްސްއިން ވަނީ ބުނެފަ އެވެ. މިއީ ހޮލީވުޑްގެ އެންމެ މުއްސަނދި ތަރިންނަށްވުރެ ވެސް އަގުބޮޑު މިލްކިއްޔާތެކެވެ.
ރެކޯޑް އާމްދަނީއަކާއެކު އެ ލަގަބު ހޯދާފައިވަނީ އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ވެސް ހޯދާފައިވާ ޓީވީ ހޮސްޓް އޮޕްރާ ވިންފްރޭ އެވެ.
މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައާއި އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އޮޕްރާއަކީ މިއަދު ޓީވީ ދާއިރާގައި މުޅި ދުނިޔެއިން ވެސް އެންމެ ނުފޫޒުގަދަ އެއް ނަމެވެ.
2025 ވަނަ އަހަރު ފޯބްސްއިން ނެރުނު ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި އޮޕްރާ ހިމެނިފައިވަނީ 1219 ވަނައިގަ އެވެ. އެއީ މުނިފޫހިފިލުވުމާއި ޓީވީގެ ދާއިރާއިން 50 ވަނަ އެވެ.
އޮޕްރާގެ މި މިލްކިއްޔާތަކީ ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުން ކަމަށްވާ ޓޮމް ކްރޫޒް، ޑުވޭން ޖޯންސަން އަދި ޝާހްރުކް ޚާންގެ މިލްކިއްޔާތު އެއްކޮށްލުމުން ވާ ވަރަށްވުރެ ވެސް އަގުބޮޑު މިލްކިއްޔާތެކެވެ.
1980ގެ އަހަރުތަކުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ދެއްކި "ދަ އޮޕްރާ ވިންފްރޭ ޝޯ"އަކީ މިހާތަނަށް ޓީވީ ދާއިރާގައި ދެއްކި އެންމެ ކާމިޔާބު އެއް ޓޯކް ޝޯ އެވެ.