ރައީސް ޑރ. މުހައްމަދު މުއިއްޒު ފާލުން ނެއްޓިއްޖެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މުޒާހަރާއަށް ނުކުންނާނެކަން އިއުލާންކޮށްފި އެވެ.
އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒު ފާލުން ނައްޓައިފި ކަމަށެވެ. އެހެންވެ، އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމަށް މިރޭ 8:30 ގައި މާލޭގެ މަގުތަކުގައި ކުއްލި ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ޝަރުއީ ދާއިރާ ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް ގެނަން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ވެސް މިދިޔަ ރޯދަ މަހުގެ ތެރޭގައި އެމްޑީޕީން ވަނީ މާލޭގެ މަގުތަކުގައި މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތައް މެދުކަނޑާލީ ރޯދަ މަހުގެ ފަހު ދިހައެއްގަ އެވެ.
ގާނޫނުއަސާސީއަށް އަނެއްކާވެސް ބޮޑެތި ބަދަލުތަނެއް ގެންނަން ރައީސް މުއިއްޒު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ވޯޓުލާގޮތް ބަދަލުކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ.
އިދިކޮޅު އެމްޑީޕީން ބުނަނީ އެއީ ފަސޭހަ މަގަކުން ދެވަނަ ދައުރެއް ކަށަވަރުކުރަން ރައީސް މުއިއްޒު ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، 2028 ވަނަ އަހަރު ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.