ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމީ، މިއަދު އޮތް އެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް، "ޖެނެރޭޝަނަލް ބޭން" ތައާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު ނިންމި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެގޮތުން ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގުކުރާ ތާރީޚުން ފެށިގެން ގާނޫނަށް އަމަލުކުރަން ފެށުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ނޮވެންބަރު 1، 2025 ގައި މި ގާނޫނު ތަންފީޒުކުރަން ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.
ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅާނެ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސް މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވި އެވެ.