އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރަކީ އޯކް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑެވެ. ޕްރޮޖެކްޓް ކޮންސަލްޓެންޓްގެ ގޮތުގައި ގެޑޯ ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް ވަނީ ހަމަޖައްސާފަ އެވެ. ޝަރީއާ އެޑްވައިޒަރެއްގެ ގޮތުގައި އަޒްމީ ރަޝީދު ވަނީ ހަމަޖައްސާފަ އެވެ.
އެ ޕްރޮޖެކްޓް މެނޭޖު ކުރުމަށް އައިޔޫއެމް ހޯލްޑިންސްއާ ހަވާލުކޮށްފައި މިއުދުން ފެށިގެން 18 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ސަނާބިލް މަޝްރޫއަކީ އެ ޔުނިވާސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޔުނިވާސިޓީގެ ބިމެއްގައި ހަތް ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިން ޖާގަތައް ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވިދާޅުވީ އާމްދަނީ އާއި ޖާގައިގެ ދަތިކަމަށް ހުރި ގިނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށެވެ.
އެ އިމާރާތުގެ ސަބަބުން އެ ޔުނިވާސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް އަދި ނުލިބޭނެ އެވެ.
މި މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން އިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއު ހިންގުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އެއް މަސްދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ.