ލ. މާންދޫ ސަރަހައްދު ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދިވެހި ޒުވާނާ ނިޔާވެއްޖެ އެވެ.
ފޮނަދޫން ގަމަށް ދާން ހަދާފައިވާ ލިންކު ރޯޑުގެ މާންދޫ ތެރެއިން އޮންނަ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ ދަންވަރު 1:40 ގައި ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓުގައި ނިޔާވީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް 30، އެވެ.
އޭނާ ނިޔާވެފައި ވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް އެކްސިޑެންޓްގެ މައްސަލަތައް ގިނަވެފައިވާއިރު، ރޭ ހުޅުމާލޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެ އެވެ. މި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ހާލަތު ވެސް ސީރިއަސް ކަަމަށާއި، އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.