ގާނޫނުތަކަށް ރައްޔިތުން އަހުލުވެރިކޮށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ޔޫރަޕިއަން ޔޫނިއަންއާ ގުޅިގެން "އެނގުމަކީ ބާރެއް" ނަމުގައި ހާއްސަ ކެމްޕޭނެއް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އިފްތިތާހުކޮށްފި އެވެ.
މި ކެމްޕޭނަކީ އެއިމް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައި ގާނޫނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ފެށި މަސައްކަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ގާނޫނީ ނިޒާމާ މެދު އާންމު ރައްޔިތުންގެ މެދުގައި އޮންނަ އަހުލުވެރިކަން އިތުރުކުރުމެވެ.
މީގެއިތުރުން ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ހައްގުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ގާބިލުކަން ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ މުހިންމު މަގުސަދެކެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި މި ކެމްޕޭނުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން، އާންމުންނާ ހަމައަށް ސީދާ މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްގެން ހޭލުންތެރިކުރުމުގެ ހާއްސަ އިވެންޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތްތަކުގެ ތެރެއިން އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ގާނޫނީ މައުލޫމާތުތައް ފަސޭހައިން އޮޅުންފިލާނެ ގޮތްތަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ އެވެ.
ގާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުކުރުމަށާއި ގާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ އެޓާނީ ޖެނެރަލްގެ އޮފީހުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާނެ އެއް މަސައްކަތް ކަމަށް އެ އޮފީހުން ބުނެ އެވެ.
"މިނިސްޓަރަކަށް ހުންނަވައިގެން ފަރުމާކުރެއްވި މަޝްރޫއެއް ނެތް"
އާވާރާޕަން 2: ބަދަލު ހިފުމުގެ ރޫހާއެކު އިމްރާން ހަޝްމީ އަންނަނީ!
