ޒަމާނީ ދިރިއުޅުމުގައި ގެންގުޅެވޭ އާދަކާދަތަކުގެ ސަބަބުން އަހަރެމެންނާއި ތަބީއީ ތިމާވެއްޓާ އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ކާޑިއޮލޮޖިސްޓް އަދި ފަންކްޝަނަލް މެޑިސިން އެކްސްޕާޓެއް ކަމަށްވާ ޑރ. އަލޯކް ޗޯޕްރާ ވިދާޅުވާ ގޮތުގައި، ހެނދުނު ހޭލައިގެން ކޮންމެ ދުވަހަކު ވެސް 15 އާއި 20 މިނެޓާ ދެމެދުގެ ވަގުތުކޮޅަކު ހުސްފަޔާ ތެތް ބިމެއްގައި ނުވަތަ ވިނަގަނޑު މަތީގައި ހިނގާލުމަކީ ސިއްހަތަށް ނުހަނު ފައިދާހުރި ކަމެކެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް އިރު އަރާ ގަޑީގައި މިފަދަ ގުދުރަތީ ތަނެއްގައި ހުސްފަޔާ ހިނގާލުމުން ސިއްހަތަށް އެކި ގޮތްގޮތުން އަސަރުކުރާ ކަމަށް ޑރ. އަލޯކް ފާހަގަ ކުރެއްވި އެވެ.

ހަށިގަނޑުގެ ދުޅަހެޔޮކަން

އަހަރެމެންގެ ފައިތިލައިގައި ހުންނަ ނާރުތަކުގެ ސެންސަރުތަކަކީ ހަށިގަނޑުގެ އެކި ގުނަވަންތަކާ ގުޅިފައިވާ ނާރު ތަކެކެވެ. ބިމުގައި ފައިތިލަ ޖެހުމުން ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން ކުޑަކޮށްދެ އެވެ

.ސްޓްރެސް ކުޑަވުން

ތާމޯގްރާފިކް ދިރާސާތަކުން ދައްކާ ގޮތުގައި، ހުސްފަޔާ ހިނގުމުގެ ކުރިން ފައިގައި ހުންނަ މައްސަލަތައް، 15 މިނެޓުގެ ހިނގާލުމަކަށްފަހު ވަގުތުން ދަށްވެގެންދެ އެވެ. ބިމުގެ ގުދުރަތީ ހަކަތައިގެ ސަބަބުން ނާރުތަކުގެ ނިޒާމު ހަމައަކަށް އަޅުވައިދެ އެވެ.

ނިދުމާއި މޫޑު ރަނގަޅުވުން

ހެނދުނުގެ އިރުގެ އަލިކަމާއެކު ބިމުގައި ހިނގުމުން ހަށިގަނޑުގެ "ސާކާޑިއަން ރިދަމް" ރީސެޓްވެ، މެލަޓޮނިން އުފެއްދުން މަޑުޖައްސާލައި ކޯޓިސޯލް ހަމަ މަގަށް އަޅުވައިދެ އެވެ. މިއީ ދުވަސް އުފާވެރިކޮށް ފެށުމަށާއި ރޭގަނޑު އަރާމު ނިދިއެއް ލިބުމަށް އެހީވެދޭ ކަމެކެވެ.

އެހެންކަމުން، ހެނދުނު ހޭލައިގެން އެނދުގައި ގިނައިރު ނޯވެ، ނުވަތަ ވަގުތުން ސައި މޭޒަށް ދިއުމުގެ ބަދަލުގައި، ފައިވާނާ ނުލައި ގުދުރަތީ ބިމެއްގައި މަދުވެގެން 15 މިނެޓު ހިނގާލުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކުރެވިދާނެ އެންމެ އާދައިގެ އަދި އެންމެ ފައިދާހުރި އެއް ކަންތައް ކަމަށް ޑޮކްޓަރު އިރުޝާދު ދެއްވަ އެވެ.