ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަން މައްސަލަތަކާ ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް ޑެޕިއުޓީ މެނޭޖަރުގެ މަގާމުގައި ހުރި އިބްރާހިމް ސައީދު (ކޭޑު) ވަޒީފާއިން ވަކިކޮށްފި އެވެ.

ވަޒީފާއިން ވަކިކުރުމާ ގުޅިގެން މިފްކޯގެ މީޑިއާ ގްރޫޕްގައި ކޭޑް ވިދާޅުވީ ގޮންޖެހުންތަކާއެކު ވެސް އޭނާ މަސައްކަތް ކުރެއްވީ މިފްކޯއަކީ ކޮރަޕްޝަނުން ބަރީއަވެފައިވާ ކުންފުންޏަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް އާނުކޮށް ވަޒީފާއިން ވަކިކުރީ ވައްކަމާ ދެކޮޅަށް ވާހަކަދައްކައި ކުންފުނީގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަ ދައްކާތީ ކަމަށް ކޭޑް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ވަކިކުރި ތިން ޖެނެރަލް މެނޭޖަރަކަށް އަލުން އެ ކުންފުނިން ވަޒީފާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވަޒީފާއިން ވަކިކުރީ މި ދެންނެވި ކޮރަޕްޓް ވެރިންނަށް އަލުން ވަޒީފާ ދިނުމަށްފަހު އެ މީހުން ލައްވައި. މިއީ ސީދާ ރައީސް މުއިއްޒުގެ ބައިވެރިވުމާއެކު ކުރި ކަމެއް،" ކޭޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯއިން ވަގުންނަށް އަލުން ޖާގަ ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެގެން ކަމަށެވެ. އަދި އަހަރެއް ވަންދެން ރައީސް މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައި މައްސަލަތަކަށް ހައްލު ގެނެސްދެއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނަށް ތާއީދު ކުރާ ކޮރަޕްޓްވެރިން ދިފާއު ކުރައްވަމުންނެވެ.