ނ. ހޮޅުދޫ މަރަނގަ ޒަކިއްޔާ މޫސާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ އެ ރަށު ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތައް ހޫނުވެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާ ދާހިލީ ވަޒީރު އަލީ އިހުސާނު ވެސް އެ ރަށަށް ވަޑައިގެންނެވުމަށް ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޭފުޅުން ހޮޅުދޫއަށް ވަޑައިގަންނަވާނީ މިރޭގެ ވަގުތެއް ގައެވެ. ދެ ބޭފުޅުންވެސް ހޮޅުދޫއަށް ވަޑައިގަންނަވަނީ، ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ދުވަހު އެ ކްރައިމް ސީން ދޫކޮށް ފުލުހުން ދިއުމުން ތަނުގައި ހުރި ނައްތާލަން ބަޔަކަށް ފުރުސަތު ލިބުނު ކަމަށާ އަދި ޒަކިއްޔާގެ މަރަކީ އަމިއްލައަށް މަރުވުން ނޫންކަން ސާބިތުކޮށްދޭން ހުރި ހެކިތައް އޭގެ ސަބަބުން ނެތިގެން ގޮސްފައިވާ ކަމަށް ބުނެ ފުލުހުންނާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް މެދު ކެނޑުމެއް އިހުތިޖާޖުތަކެއް ރަށުގައި ކުރަމުން ދާ ދަނޑިވަޅެއް ގައެވެ.

އެރަށު ރައްޔިތުން ވަނި ފުލުހުންނަށް މިހާރު އިތުބާރު ނުކުރާ ކަމަށާ ހޮނިހިރު ދުވަހު އިހުތިޖާޖަށް ނުކުތް އުމުރުން ދުވަސް މީހަކަށްވެސް ފުލުހުން ގަސްތުގައި އަނިޔާވެރިވެފައިވާތީއާ އެކު ރައްޔިތުންގެ ބިމެއްގައި ހުރި ހޮޅުދޫ ޕޮލިސް ސްޓޭޝަން ވެސް ހުސްކުރަން ކައުންސިލްގައި އެދިފަ އެވެ.