ދުނިޔެ ދުށް އެންމެ ބޮޑު އެއް ޑިކްޓޭޓަރު ކަމަށްވާ އެޑޮލްފް ހިޓްލަރަކީ ރަނގަޅު މީހެއް ކަމަށް ބުނި އެމެރިކާގެ މާޝަލް އާޓިސްޓް ބްރައިސް މިޗެލް ހޫނު ފެނަށް ވެއްޓުމުން މައާފަށް އެދިއްޖެ އެވެ.
ބްރައިސް އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ބޭނުމަކަށްވީ މީހުން ރުޅި އަރުވަން ނޫން ކަމަށާއި އެހެން ނަމަވެސް އޭނާގެ ބަހުން ގިނަ ބަޔަކު ނުރުހުންވި ކަން އެނގޭ ކަމަށެވެ.
"ވިސްނާނުލާ ވާހަކަ ދެއްކުނީތީ އިންތިހާއަށް މައާފަށް އެދެން. އަހަންނަކީ ހިޓްލަރުގެ އަމަލުތައް ދިފާއުކުރާ ނާޒީއެއް ނޫން" ބްރައިސް ބުނެފައިވެ އެވެ.
ބްރައިސް އިތުރަށް ބުނީ ހިޓްލަރު އިސްވެ ހުރެ ހިންގި ހޮލޮކާސްޓްގައި އެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލުނުކަން އެނގޭ ކަމަށާއި އޭގެ އިތުރުން ވެސް "ނުލަފާ" ކަންތައްތަކެއް ހިޓްލަރު ކުރި ކަމަށެވެ.
ހިޓްލަރަކީ 1933 ން 1945 ވަނަ އަހަރާ ހަމައަށް ކުރިއަށް ދިޔަ ޖަރުމަނުގެ ނާޒީ އިންގިލާބުގައި އިސްކޮށްހުރި ލީޑަރެވެ. އޭނާގެ އިސްނެގުމުގެ ދަށުން ޖަރުމަނުގައި ބޮޑު ގަތުލުއާއްމެއް ހިންގި އެވެ.
އެ ގަތުލުއާއްމުގައި ހިޓްލަރު އެންމެ ބޮޑަށް ހަމަލާތައް އަމާޒު ކޮށްފައިވަނީ ޔޫރަޕްގެ ޔަހޫދީންނަށެވެ. ގާތްގަނޑަކަށް ހަ މިލިއަނެއްހާ ޔަހޫދީން އޭނާ މަރާލާފައިވެ އެވެ.