ބިދޭސީންނާ ގުޅޭ މަސައްކަތްތަކެއް ރިޝްވަތު ނަގައިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ކުރާ މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ވިދާޅުވީ ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި، އާއްމުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލާ މީހުންނާ ދޭތެރޭ ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބިދޭސީންނާ ގުޅުން ހުރި ބައެއް ކަންކަން ކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދާ ކަމަށް ތުހުމަތުކުރެވޭ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މިހާރު ވަނީ އެ މުވައްޒަފުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. އަދި އެ މީހުން ދިރިއުޅޭ ތަންތަން ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
މި އަހަރު ތެރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާފުށީ ޖަލަށް ރިޝްވަތު ނަގައިގެން ތަކެތި ވެއްދި ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ދެނެގަނެފަ އެވެ. އެ އެންމެންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ.