އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބާރުފޯރުވޭގޮތަށް ގާނޫނުތައް އިސްލާހުކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާގޮތަށް ބަދަލުކުރުމަށް ކަމާބެހޭ ގާނޫނުތަކަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ޕީއެންއެެފް އިން މިރޭ ބޭއްވި ޖަލްސާގައި އެކަން ކުށްވެރިކުރައްވައި ޔާމީން ވިދާޅުވީ މިނިވަން މުއައްސަސާތަކެއްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މީހަކު އައްޔަން ކުރަން ނިންމެވި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ޔާމީން ވިދާޅުވީ އެފަދަ އިސްލާހެއް ގާނޫނަށް ގެންނަން ޕީއެންސީގެ މަޖިސް މެމްބަރުން އެއްބަސްވީ އެ ބޭފުޅުންނަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކޮންމެ މަހަކު ޕޮކެޓް މަނީ ލިބިވަޑައިގަންނަވާތީ ކަމަށެވެ.
އެކަމާ ގުޅިގެން ޔާމީން ވަނީ މަޖިލިސް މެމްބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވަނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގަމުންދާ މިނިވަން މުއައްސަސާތައް ރައީސްގެ މުށުތެރެއަށް ނުލުމަށް ގޮވާލައްވާފަ އެވެ.
މީގެއިތުރުން ޔާމީން ވަނީ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.
"ރައީސް ސޯލިހްގެ ވެރިކަމުގައި ޓެކްސް ބޮޑުކޮށްގެން އެންމެ ވާހަކަ ދެއްކި މީހުން މި ބާރަށު މައިކް މެން މިއީ. މިހާރު ޓެކްސް ބޮޑު ކުރުން އެއީ އެމީހުންނަށް ބޮޑު ކަމެއް ނޫން. ރަނގަޅު ކަމެއް. އެހެންވެގެން އަޅުގަނޑު މިބުނަނީ މުއިއްޒު އެކަންޏެއް ނޫނޭ އުނބަށްޖެހުނީ. މުޅި ސަރުކާރުވެސް އޮތީ އުނބަށް ޖެހިފައި،" ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މުސާރައިން 50 ޕަސެންޓް އުނިކުރަން ނިންމެވި ނިންމުމަކީ ދެއްކުންތެރިކަމެއް ކަމަށާއި އެއީ އިޚްލާސްތެރި ނިންމެވުމެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ސަބަބެއް ކަމަށް ޔާމީން ތުހުމަތު ކުރެއްވީ އެއަށްވުރެ ގިނައިން އެހެނިހެން ގޮތްގޮތުން އެމަނިކުފާނަށް ފައިސާ ލިބުމެވެ.
"އެޔަށްވުރެ މާގިނަ ލާރި އެމީހުން މޭޒު ކައިރިން ލިބޭ. މި މީހުންގެ އަސްލު ބިޒްނަސް އަކީ މަގާމުން ލިބޭ މުސާރައެއް ނޫނޭ. ފަންސާސް ހާސް ރުފިޔާ ކަނޑާލުން. މިއީ ކޮންވާހަކައެއްތޯ މި ދައްކަވަނީ،" ޔާމީން ވިދާޅުވި އެވެ.