ކޮންމެ ގައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ އަދި ކުރަން ޖެހޭނެ ގައުމެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 'ޔޫއެން ޑޭ' ގެ މުނާސަބަތުގައި ދެއްވި މެސެޖެއްގަ އެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި މެސެޖްގައި ޝާހިދު ވިދާޅުވީ ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުންވެސް މި ޒިންމާ އަދާކުރަން ޖެހޭކަމަށާއި، ދިވެހިރާއްޖެއިން އެކަން ސާބިތު ކޮށްދީފައި ވާކަމަށެވެ. ދިވެހިރާއްޖެއަކީ އަބަދުވެސް މަލްޓިލޭޓަރަލިޒަމް ގަބޫލުކުރާ އަދި އދގެ މުހިއްމުކަން ގަބޫލުކުރާ ގައުމެއްކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން 1965 ވަނަ އަހަރުގެ ޖުލައި 26 ގައި މިނިވަންކަން ލިބުމަށްފަހު ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ނިންމުމަކަށް ދިވެހިރާއްޖެއިން ނިންމީ އދގެ މެމްބަރުކަން ހޯދަންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޔޫއެން ޑޭ ފާހަގަކުރަނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ސެން ފްރެންސިސްކޯގައި އެކުވެރި ދައުލަތްތައް – ޔުނައިޓެޑް ނޭޝަންސް – އުފެއްދުމަށް ގައުމުތަކުން އެއްބަސްވެ، ސޮއިކުރި ކުރުން ފާހަގަކުރުމަށެވެ.

ޝާހިދުގެ މެސެޖްގައި ވިދާޅުވީ އދގެ ޗާޓަރަށް އަމަލުކުރަން ފެށިތާ އަށް އަހަރު ވުން ފާހަގަކުރާއިރު، އެ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން އިހުނަށްވުރެ މިހާރު މުހިއްމުވެފައިވާ ކަމަށެވެ. އަދި މަލްޓިލޭޓަރަލިޒަމްއާއި، މަޝްވަރާއާއި އެއްބައިވަންތަކަން ކުރިއަށް ނެރެން ޖެހޭކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް – ތިމާވެށީގެ މައްސަލަތަކާއި، ފަގީރުކަމާއި، ގަތުލުއާއްމުތައް ފަދަ މައްސަލަތައް – ހައްލުކުރުމުގައި އދގެ ދައުރު މުހިއްމުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އދގެ އައްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދުވަސްތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ އދ އަކީ - އޭގެ އުނިކަންތަކާއި މައްސަލަތަކާއެކުވެސް – އަދިވެސް މުހިއްމު އަދި އޭގެ ބޭނުން ހިފަން ޖެހޭ ޖަމްއިއްޔާއެއްކަމަށެވެ.