ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަޑުކޮށްގެން އިން ސައިކަލެއްގައި ބާރަށް ދުއްވާފައި އައި ކާރެއް ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ވިނަރެސް ފުލެޓުތައް ކައިރީގައި ކަމަށާއި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މިހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ފިރިހެނަކަށް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި މިއެކްސިޑެންޓްގެ ވީޑީއޯ އާއްމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވީ ކޮންޓްރޯލުން ނެއްޓިގެން އައި ކާރެއް، މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ މީހާ ވިއްސައިގެން ގޮސް، މަގުގެ ގަސް އިންދާ ބައިގެ މަތިން ގޮސް ދުވާރު މައްޗަށް ވެއްޓޭ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
ގަސް އިންދާ ބައި ހުރަސްކޮށް ގޮސް ދުވާރު މައްޗަށް ކާރު މަތަވި އިރު، އެތަނުގައި ހުރި ގަހެއް ވެސް ބިންދައިގެންދާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.
ފުލުހުން ބުނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.