ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމަށް ވުމާއެކު ދުނިޔޭގެ ގިނަ މުސްލިމުންތަކެއް ދުވަހުގެ ބޮޑު ބައެއް މިސްކިތްތަކުގައި ހޭދަ ކުރެ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އިރު އޮއްސުމުން މިސްކިތުގައި ރޯދަ ވީއްލުމަށްފަހު އަޅުކަމަށް އަވަސްވެގަންނަ މީހުން ވެސް ހިމެނެ އެވެ.
މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ބޮޑެތި މުސްލިމް ގައުމުތަކުގައި ވެސް އޮންނަ ސަގާފަތެކެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ވެސް މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖެހިފައި ހުރެ އެވެ.
އެހެން ނަމަވެސް މުސްލިމުންގެ އެންމެ މުގައްދަސް ބިން ހިމެނޭ ސައޫދީ އަރަބިއާއިން މިއަހަރު ވަނީ މިކަން މަނާކޮށްފަ އެވެ. މިހާރު ސައޫދީގެ މިސްކިތްތަކުގެ އެތެރޭގައި ރޯދަ ވީއްލުމަކީ ސަރުކާރުން މަނާ ކޮށްފައިވާ ކަމެކެވެ.
ސަބަބެއް ކަމުގައި ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ރޯދަ ވީއްލުމުގެ ތެރޭގައި މިސްކިތްތަކުގެ ސާފުތާހިރުކަމަށް އަސަރުކޮށް، އަޅުކަންކުރާ މީހުންނަށް އުނދަގޫވުމެވެ.
މިސްކިތުގެ އިމާރާތުން ބޭރު ގޯތި ތެރޭގައި ރޯދަ ވީއްލުމުގެ ކަންކަން ހަމަޖެއްސިދާނެ ކަމަށް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިވާއިރު، މިކަމަށްޓަކައި އާއްމުންގެ ފަރާތުން ފައިސާ ނެގުން ވެސް ވަނީ މަނާ ކުރެވިފަ އެވެ.
މީގެ އިތުރުން މިސްކިތުގެ ގޯތިތެރޭގައި ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމުން ވެސް ދުރުވުމަށް ސަރުކާރުން ބާރު އަޅަ އެވެ. އެއާއެކު އޮންލައިން މީޑިއާ ހިމެނޭހެން އަޅުކަމުގެ މަންޒަރު ބްރޯޑްކާސްޓް ކުރުމަކީ މަނާ ކަމެކެވެ.