ހަމަކަށަވަރުން ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން އެންމެ މާތް، މަތިވެރި މައްސަރެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެހެންކަމުން، މި ލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ ރަމަޟާން މަހަށް ލިބިގެންވާ މަތިވެރިކަމާއި ބައެއް ޚާއްޞިއްޔަތަށެވެ.

އެގޮތުން:

1. ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. މިއީ މި މަހަށް ލިބިގެންވާ އެންމެ މާތް އެންމެ މަތިވެރި އެއް ސިފައެވެ. މި މަހުގައި މާތް ﷲގެ ކަލާމްފުޅު ލައުހުލްމަޙްފޫޡުން ދުނިޔޭގެ އުޑަށް ލައިލަތުލް ޤަދްރީގައި ބާވައިލެއްވިއެވެ.

މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

(شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ) (البقرة 185)

މާނައީ: "ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވުނީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދަޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައި މީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!" (ބަޤަރާ 185)

2. ރަމަޟާން މަހަކީ އިސްލާމްދީނުގެ ހަތަރުވަނަ ރުކުން ކަމުގައިވާ ރޯދަހިފުން އެ މަހެއްގައި އަދާކުރުމަށް ފަރުޟު ކުރައްވާފައިވާ މައްސަރެވެ.

މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) (البقرة 183)

މާނައީ:"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ." (ބަޤަރާ 183)

3. ރަމަޟާން މަހަކީ އެންމެ މާތް މަތިވެރި ރޭ ކަމުގައިވާ ލައިލަތުލްޤަދްރި އެ މަހުގެ ރޭތަކުގެ ތެރެއިން ރެއެއްގައި މާތްﷲ ލައްވައިފައިވާ މަހެވެ. އެއީ އެއް ހާސް މައްސަރުގެ ހެޔޮކަމަށްވުރެ ހަމައެކަނި އެ ރޭގެ ހެޔޮކަން ބޮޑު ރެއެކެވެ.

އެ ކަން މާތްﷲ ޤަދްރު ސޫރަތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވައިފައިވެއެވެ.

(إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ. وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ. لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ. تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ. سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ). (القدر 1-5)

މާނައީ: "ހަމަކަށަވަރުން ތިމަންﷲ އެޤުރުއާން ބާވައިލެއްވީ ޤަދްރިވިލޭރޭގައެވެ. އަދި ޤަދްރިވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟. ޤަދްރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރައްބުގެ އިޒްނަފުޅާއެކު، ހުރިހާ އަމްރުފުޅުތަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެއެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖެއުމަށްދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ." (ޤަދްރު 1-5)

އަދި ހަމައެހެންމެ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ވަރަށް ގިނަ ޙަދީޘްފުޅުތަކެއް ވެސް އެ ރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވެއެވެ. އެ ގޮތުން މި ތަނުގައި އޭގެ ތެރެއިން 2 ޙަދީޘްފުޅަކަށް އަލިއަޅުވައިލާނަމެވެ.

އާދެ، ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘްފުޅުކުރައްވައިފައިވެއެވެ.

( لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ, مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ )

މާނައީ: " މާތްﷲގެ ޙަޟްރަތުގައި އެ މަހުގައި އެއް ހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާ، ފަހެ ހަމަކަށަވަރުން ވެސް އެ މީހެއް މަޙްރޫމްވެއްޖެއެވެ."

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅުކުރައްވާފައިވެއެވެ.

(مَنْ قَامَ لَيْلَةَ الْقَدْرِ إيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)

މާނައީ: " އީމާނާއި ސަވާބުގެ ނިޔަތުގައި ޤަދްރިވިލޭރޭ ޤިޔާމްކޮށްފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ."

4. ރަމަޟާން މަހުގެ ސަވާބާއި ދަރުމަށް އެދިގެން ދުވާލު ރޯދަ ހިފައި، އަދި ރޭގަނޑު ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް މާތްﷲ ފުއްސަވައިދެއްވައެވެ.

މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅުކުރައްވާފައިވެއެވެ.

(من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه)

މާނައީ:" އީމާންކަމާ އެކު ސަވާބާއި ދަރުމައަށް އެދިގެން ރަމްޟާން މަހުގެ ރޯދަ ހިފައިފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ."

އެހެން ރިވާޔަތެއްގައިވެއެވެ.

(مَنْ قَامَ لَيْلَةَ الْقَدْرِ إيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)

މާނައީ: " އީމާނާއި ސަވާބުގެ ނިޔަތުގައި ޤަދްރިވިލޭރޭ ޤިޔާމްކޮށްފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ."

5. ރަމަޟާން މަހުގައި، މާތްﷲގެ ރަޙްމަތުގެ ގޯތިކަމުގައިވާ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައިލައްވައެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރައްވައެވެ. އަދި ނުބައި ނުލަފާ މާރިދު ޖިންނިތައް ކަސްތޮޅު އަޅުއްވައެވެ.

މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) މި ކަމަށް ޢިޝާރާތްކުރައްވައި ޙަދީޡްކުރައްވާފައިވެއެވެ.

(إذا جاء رمضان فتحت أبواب الجنة وغلقت أبواب النار وصُفِّدت الشياطين)

މާނައީ: "ރަމަޟާން މަސް އައިސް ޖެހުމުން، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުންތައް ކަސްތޮޅު އަޅުވައިލެވެއެވެ."

6. ރަމަޟާން މަހުގެ ކޮންމެ ރެއަކު ނަރައިން އެތައް ބަޔަކު މާތްﷲ މިންޖުކުރައްވާ ސަލާމަތްކުރައްވައެވެ.

މާތްﷲގެ މި ރަޙްމަތުގެ ވާހަކަ ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޡްފުޅުކުރެއްވިއެވެ.

(لله عند كل فطر عتقاء)

މާނައީ: "ރަމަޟާން މަހުގެ ރޯދަ މީސްތަކުން ވީއްލާ ކޮންމެ ރެއަކު މާތް ﷲ ނަރަކައިން މީހުން މުއްތިކުރައްވައެވެ."

7. ރަމަޟާން މަހު ރޯދައަކީ، ދެ ރޯދަ މަސް ދެމެދުގައި އަޅާއަށް ކުރެވޭ ފާފަތައް ފުހެލަދޭ ކައްފާރާއެކެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘްފުޅުކުރައްވައިފައިވެއެވެ.

(ورمضان إلى رمضان , مكفرات ما بينهن إذا اجتنبت الكبائر)

މާނައީ: ބޮޑެތި ފާފަތަކުން ދުރުވެގެން ހުރެއްޖެއްޔާ، ދެ ރޯދަ މަސް ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއަކަށް ރޯދަ ވާނެއެވެ".

8. ރަމަޟާންމަހުގެ ރެއެއްގައި، އިމާމެއްގެ ފަހަތުގައި، އެ އިމާމު މީހާ ނިމޭންދެން ތަރާވީސްކޮށްފި މީހަކު މުޅިރޭގައި ޤިޔާމްކުރި މީހެއްގެ ގޮތުގައި ލިޔެވެއެވެ.

މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅުކުރައްވާފައިވެއެވެ.

(إنه من قام مع الإمام حتى ينصرف كتب له قيام ليلة)

މާނައީ: ހަމަކަށަވަރުން، މީހަކު އިމާމާ ފަހަތުގައި އިމާމާ ނިމެންދެން ޤިޔާމްކޮށްފިއްޔާ، މުޅި ރޭގެ އަޅުކަން ކުރިކަމަށް އޭނާގެ މައްޗަށް ލިޔެވޭހުއްޓެވެ."

9. ރަމަޟާން މަހު ކުރާ ޢުމްރާއެއް ޙައްޖަކާ އެއްފަދަވެގެންވެއެވެ. މަބްރޫރު ޙައްޖެއްގެ ސަވާބާއި ދަރުމައަކީ ސުވަރުގެއެވެ.

އެހެންމަކުން މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) އަންޞާރިއްޔަ ބޭކަނބަލަކަށް އިރުޝާދުދެއްވަމުން ޙަދީޘްފުޅުކުރެއްވިއެވެ.

(فإذا جاء رمضان فاعتمري , فإن عمرة فيه تعدل حجة " , وفي رواية لمسلم :" حجة معي)

މާނައީ: " ރަމަޟާން މަސް އަތުވެއްޖެއްޔާ، ތިބާ ޢުމްރާވާށެވެ. އެހެނީ ހަމަކަށަވަރުން، އެ މަހުގައި ކުރާ ޢުމްރާއެއް ޙައްޖަކާ އެއްފަދައެވެ. ދެން އިމާމް މުސްލިމްގެ ރިވާޔަތެއްގައި ވަނީ:" އެއީ ތިމަންކަލޭގެ ފާނާ އެކު ޙައްޖެއްވުން ފަދައެވެ."

10. ރަމަޟާން މަހު ފަހު ދިހައެއްގައި އިޢްތިކާފުކުރުމަކީ މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް)ގެ މަތިވެރި ސުންނަތެކެވެ.

މުއުމިންތަކުންގެ މަންމަ އަދި ކައު ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް)ގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝާ (ރަޟިޔަﷲ ޢަންހާ) މި ވާހަކަ ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވައިފައިވެއެވެ.

(أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ تَعَالَى , ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ)

މާނައީ: " ހަމަކަށަވަރުން، ރަމަޟާން މަހުގެ ފަހު ދިހެއްގައި، ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) އިޢްތިކާފަށް ހުންނަވައެވެ. އެކަލޭގެފާނު އަވަހާރަފުޅުވަންދެން ކޮންމެ ރޯދަ މަހަކު ވެސް މި ގޮތަށް ހުންނެވިއެވެ. ދެން އަކަލޭގެފާނަށް ފަހު، އެކަލޭގެފާނުގެ އަނބިކަބަލުންތައް މި ގޮތަށް އިޢްތިކާފުކުރެއްވިއެވެ".

އިސްވެ ބަޔާންވެދިޔައީ ބަރަކާތްތެރި ރަމަޟާން މަހަށް ލިބިގެންވާ މުހިންމު ބައެއް ޚާޞިއްޔަތާއި މަތިވެރިކަމުގެ މުޚްތަޞަރު ކުރު ޚުލާޞާއެކެވެ. މި ނޫން ވެސް އިތުރު ޚާޞިއްޔަތާއި މަތިވެރިކަން އެ މަހަށް ލިބިގެންވެއެވެ.