ސަލްމާން ޚާންއަކީ ޝައްކެއް ވެސް ނެތް ގޮތުގައި ބޮލީވުޑް ދުށް އެންމެ ކުޅަދާނަ އަދި ނަން މަޝްހޫރު އެއް އެކްޓަރެވެ. އެހެން ނަމަވެސް އެކްޓް ކުރުމުގެ އިތުރުން ވެސް އޭނާއަކީ މޮޅު ކުރެހުންތެރިއެއްކަން އެނގެނީ މެދު ބަޔަކަށެވެ.
ސަލްމާން ބުނި ގޮތުގައި ކުރެހުމަކީ ބުރަ ދިރިއުޅުމުގެ ތެރެއިން އޭނާގެ ހިތް ހަމަޖައްސާލަން ކުރާ ކަމެކެވެ. ކުރެހުމުން އޭނާއަށް އުފާވެރިކަން ލިބޭ ކަމަށް ސަލްމާން ބުނެފައިވެ އެވެ.
ސަލްމާން އެންމެ ފުރަތަމަ ކުރެހުމެއް ކުރެހީ 2002 ވަނަ އަހަރު ނުކުތް "ތޭރޭ ނާމް" ގެ ޝޫޓިންގެ ތެރެއިންނެވެ. އެ ފިލްމުގައި އޭނާ ކުޅޭ ކެރެކްޓަރު "ރާދޭ" ދައްކުވައިދޭ އެ ކުރެހުމަކީ ކުރެހުމަށް އޭނާގެ ހިތް ޖެހުނު ހިސާބެވެ.
އޭގެ ފަހުން މިއަދާ ހަމައަށް އެތައް ކުރެހުމެއް ސަލްމާން ކުރަހާފައިވާއިރު އޭނާގެ މި ހުނަރަށް ގިނަ ބައެއްގެ ތައުރީފް ވެސް ވަނީ ލިބިފަ އެވެ.
ސަލްމާންގެ ކުރެހުންތަކުން އިހުސާސްތަކާއި ޖަޒުބާތުތައް އޭގެ އެންމެ ފުނުން ކުލަތަކުގެ ޒަރީއާއިން ހާމަކޮށްދޭ ކަމަށް މީހުން ގަބޫލު ކުރެ އެވެ.
ސަލްމާންގެ ކުރެހުމުގެ މަސައްކަތްތަކަށް ހާއްސަ އާޓް ސްޓޫޑިއޯއެއް ހުންނައިރު ގިނަ ކުރެހުންތައް އޭނާ ކުރަހަނީ އެ ތަނުގައި އެކަނިހުރެ ކަމަށް ހަބަރުތައް ބުނެ އެވެ.
އެކްޓް ކުރުމާއި ކުރެހުމުގެ އިތުރުން ސަލްމާނަކީ ވިޔަފާރިވެރިއެއް ވެސްމެ އެވެ. އޭނާގެ "ބީން ހިއުމަން" ބްރޭންޑަކީ އިންޑިއާގެ ވަރަށް މަޝްހޫރު ބްރޭންޑެކެވެ.