ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާކުރާ އެންމެ ފުރަތަމަ މިސްކިތް މަސްޖިދުލް ގުއްދޫސްގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނެފި އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީދޭ ދިވެހި ޖަމިއްޔާ އެކެވެ.
އައިއޭސީ އިން ދިވެހީންގެ ނަމުގައި ފަލަސްތީނުގައި މިސްކިތެއް އެޅުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތްތައް ފަށާފައި ވަނީ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
މިއީ ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާ ކުރާ އެންމެ ފުރަތަމަ މިސްކިތެވެ.
އައިއޭސީ އިން ބުނީ މިސްކިތުގެ %80 މަސައްކަތް ވަނީ 7 އޮކްޓޯބަރުގެ ހަމަނުޖެހުންތަކުގެ ކުރިން ނިމިފައި ކަމަށެވެ. މިސްކިތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެގޮތުން ކޮންކްރީޓް މަސައްކަތްތަކާއި ރޭނުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އައިއޭސީން ބުނެ އެވެ.
އައިއޭސީން ބުނީ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން މިސްކުތުގައި ހިމެނޭ އަލްތުއްފާޙް (އިރުމަތީ ޣައްޒާ) ސަރަހައްދު ވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަފައި ކަމަށެވެ. އޮކްޓޯބަރު 21 އާ ހަމައަށް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އައިއޭސީން ބުނެ އެވެ.
ތިން ބުރިއަށް ބިނާ ކުރާ މަސްޖިދުލް ގުއްދޫސް އަކީ 1،100 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ފުރަތަމަ ފަންގިފިލާ ހާއްސަ ކުރެވޭނީ އަންހެނުންނަށެވެ އަދި އެ ފަންގިފިލާގައި 390 މީހުންގެ ޖާގަ ހުންނާނެ އެވެ.
ހަތަރު ފާހާނާ ހުންނަ މިސްކިތުގައި ކާޕެޓްއަޅާ ޒަމާނީ ލައިޓާއި ސްޕީކާ ސިސްޓަމް ހަރުކުރެވޭނެ ކަމަށް ވެސް އޭއައިސީން ބުނެ އެވެ.