ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިން ކަމުގައި ވިޔަސް، ހަގީގީ މާނައިގައި އެ ރަށް ތަރައްގީވެފައި ނުވާ ކަމަށެވެ. އެކަމަކު، ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައިސް ކުޅުދުއްފުށި ސިޓީއަކީ ތަރައްގީ ކަށަވަރުވެފައިވާ ސިޓީއަކަށް ހައްދަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ އަށް ހައްލު ގެނެސް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ގޯތީގައި ގެދޮރު އިމާރަތް ކުރުމަށްޓަކައި އޭނާގެ ވެރިކަމެއްގައި ދޫކުރާ އެކި ލޯނުތަކުން އެ ސިޓީގެ ރައްޔިތުންނަށް އެކަމުން މަންފާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގެދޮރު ބިނާކުރުމުގައި މި ސިޓީގެ ރައްޔިތުން އަޅުގަނޑުމެންގެ ފަސް އަހަރު ނިމޭއިރު ދެން ތިމަންނަމެންގެ ގޯތީގަ ގެއެއް ނެތޭ ތިމަންނަމެންނަކަށް އެކަށީގެންވާ ވަރަކަށް ގޯތި ގެދޮރެއް ނުލިބުނޭ ދަންނަވާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ ކުޅުދުއްފުއްޓަށް ވެވަޑައިގެންނެވި އިތުރު ވައުދުތައް ހާމަކުރައްވައިފަ އެވެ.
އޭގެ ތެރޭގައި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބޭނުންވާ ހުރިހާ ހިދުމަތަކާއި ވަސީލަތެއް ގާއިމު ކުރުމާއި އެއާޕޯޓަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމު ކުރުން ފަދަ ކަންކަން ފާހަގަކޮށްލެވެ އެވެ.
މުއިއްޒު އިތުރަށް ވެވަޑައިގެންނެވި ވައުދުތައް:
- ސިޓީއަކަށް ބޭނުންވާ ހުރިހާ ކުޅިވަރު ވަސީލަތްތަކެއް ގާއިމުކުރުން.
- އިކޯ ޓޫރިޒަމް ފެސިލިޓީއެއް ގާއިމުކުރުން.– ޑޮލަރު އޭޓީއެމްއެއް ގާއިމް ކުރުން.– ޕޯޓް ފެސިލިޓީ އެންމެ ޒަމާނީ ފެންވަރަކަށް ބަދަލުކުރުން.
- ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދައި ދިނުން.
ކުޅުދުއްފުށީގައި ސްލޯ ސްޕީޑުގައި ކުރިއަށްދާ ހުރިހާ މަސައްކަތެއް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެއިން އެއްވެސް މަސައްކަތެއް ހުއްޓުވައި ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.