ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުއާޒު މުހައްމަދު ރަޝީދު، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް މިއަދު އައްޔަންކުރައްވައިފި އެވެ.
މިއީ މި ސަރުކާރުން އެމްޑަބްލިއުއެސްސީއަށް އައްޔަންކުރި ތިންވަނަ ޑީއެމްޑީ އެވެ. ނަމަވެސް އޭގެ ތެރެއިން މުހައްމަދު ފަޒީލް ރަޝީދު ވަނީ "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިވާ ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވުމުން މަގާމުން ވަކިކޮށްފަ އެވެ. ފަޒީލް ވަކިކުރުމުން އެ މަގާމުގައި މިހާތަނަށް ހުންނެވީ އަބްދުއް ސަލާމް އެވެ.
ސަރުކާރުގެ ފެން ކުންފުނި ކަމަށްވާ އެމްޑަބްލިއުއެސްސީގެ ބޯޑުން ފާސްކޮށްގެން، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މުއާޒު މިއަދު ވަނީ ހަމަޖައްސަވާފަ އެވެ. ސަރުކާރުގެ ފެން ކުންފުނީގެ އިސް މަގާމަކާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު، މީގެ ކުރިން އޭނާ ވަނީ ރަށްރަށުގެ ފެނާއި ކަރަންޓް އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކައިގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސައްކަތްކުރައްވާފަ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުން މުއާޒު އިސްތިއުފާދެއްވީ ޑިސެމްބަރު 2024 ގައެވެ. އެ މަގާމުން އިސްތިއުފާދެއްވުމަށްފަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ސިޓީގައި އޭނާ ވިދާޅުވެފައިވަނީ، އެ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ނުދެވޭ ހާލަތަށް ކުންފުނި ވެއްޓިފައިވާ ކަމަށެވެ. އަދި އޭނާ އެ މަގާމުގައި ހުންނަވައިގެން ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން އިސްތިއުފާ ދެއްވީ ކަމަށް ވެސް އެ ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.
މުއާޒު އިސްތިއުފާދެއްވުމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ދެން އައްޔަންކުރެއްވީ މުހައްމަދު ނަޖާހު އެވެ. ނަމަވެސް އޭގެ ފަހުން އޭނާ މަގާމުން ވަކިކުރައްވައި، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެ މަގާމަށް މުހައްމަދު އަފީފު ހުސައިން ވަނީ އައްޔަންކުރައްވާފަ އެވެ.
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
އިށީނދެ އިންނައިރު ބުރަކަށީގެ ރިހުން ކުޑަ ކުރެވޭނެ ދެތިން ގޮތެއް!
ހޯރަފުށީ ކުރީގެ ކައުންސިލަރުންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
