ޖުމްހޫރީ ޕާޓިގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމްއިބްރާހީމް އަށް އެރުވުމަށް މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާ އަށް ދިޔަ މީހުން މަދުވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގާސިމް އިބްރާހީމްއަށް ފާޑުވިދާޅުވެއްޖެ އެވެ.
މިރޭގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 8:30 ގައި ނަމަވެސް ޖަލްސާ ފަށާފައި ވަނީ 10:00 އެހާއިރު އެވެ.
ޖަލްސާ ނުފެށި ލަސްވެފައިވާއިރު ކާނިވާ ސަރަހައްދު މިރޭގެ ޖަލްސާއަށް ވަރާސް ކުލަ ގަދަކޮށް ތައްޔާރުކޮށް ގޮނޑިޖަހާފައިވާއިރު ޖަލްސާ ފެށުން އިރުވެސް ގިނަ ގޮނޑި ހުރީ ހުސްކޮށެވެ. ޖަލްސާ ލަސްވެފައި ވަނީ މީހުން ހަމަނުވެގެން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޖޭޕީ އަށް ވަރަށް ބޮޑަށް ފަޑު ކިޔާފަ އެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެކުނު ފުމުނަކަސް ގާހަކަކަށް ނުފުމެވޭނެ ކަމަށެވެ.
އަދި ރ. ޔާމީނުގެ ތަރައްގީއަކީ ވަރުގަދަ ވިޝަނަރީ ރައީސެއްކަން ދަލީލުކުރާކަންތައް ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އެމަނިކުފާނާއި ސިޔާސީ ގޮތުން ވާދަކުރަން ބިރަށް އުޅޭ އެކަކަށް ވެސް ރައްޔިތުންގެ ތާއީދު ނެތްކަން މިދަނީ ފާޅުވަމުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާއަށް 4،000 އެއްހާ މީހުން އަންނާނެ ކަމަށް ޖޭޕީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީ އިން ވަނީ ބުނެފަ އެވެ.
ޖަމީލް މިހެން ވިދާޅުވެފައިވާއިރު ޗާގޯސް މައްސަލާގައި އިދިކޮޅު ޕީޕީއެމް އާއި ޖޭޕީގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނާއި އެމްއެންޕީގެ މެމްބަރުން ވަނީ ޖޮއިންޓް ޕީޖީ ގުރޫޕެއް ހަދާފަ އެވެ. އަދި ޖޮއިންޓް ޕީޖީ އިން މިމަހުގެ 2 ވަނަ ދުވަހު ޗާގޯށް މައްސަލާގައި ސަރުކާރާއި ދެކޮޅަށް ބޭއްވި ބޮޑު ޖަލްސާގައި ޖޭޕީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.
އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖޭޕީގެ މެމްބަރު އަލީ ހުސައިން އެ ޖަލްސާގައި ބައިވެރިވި އެވެ.