ސޯޝަލް މީޑިއާގެ ބޭނުން އެކި މީހުން ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން މުނިފޫހި ފިލުވަން ބޭނުންކުރާ ވަސީލަތަކަށް ސޯޝަލް މީޑިއާ ބޭނުންކުރާއިރު އަނެއް ބަޔަކު އެ ޕްލެޓްފޯމްގެ ބޭނުންކުރަނީ އިލްމް ހޯދުމަށާއި އިލްމް ފެތުރުމަށެވެ. ދީނީ އިލްމު ހާސިލްކޮށްގެން ހުރި، އަދި ބޭސްވެރިކަމަށް ޝައުގުވެރިވާ މި ހުނަރުވެރިޔާ ސޯޝަލް މީޑިއާ ބޭނުން ކުރަން ފެށީ ހެޔޮކަންތައް މީސްތަކުންގެ މެދުގައި ފެތުރުމަށެވެ.
ރަށުގައި ބޭސްވެރިކަން ނެތި ދިއުމަކީ މުހައްމަދު އިސްމާއިލް (މޯޑް) އެއްގޮތަކަށް ވެސް ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ. އޭނާގެ އުފަން ރަށް މ. މުލަކަކީ އާބާދީގެ ގޮތުން ބޮޑު ނަމަވެސް، ދިވެހި ބޭސްވެރިން މަދު ރަށެކެވެ. މޯޑަށް އެކަން ވިސްނި އެފަންނު ކުރިއަރުވަން އޭނާ ފަރުދެއްގެ ހައިސިއްޔަތުން ނުކުތީ ރަށުގައި ދިވެހި ބޭސްވެރިކަން ފެތުރުމަށެވެ. ޚާއްސަކޮށް "ހޯމް ރެމެޑީސް" ނުވަތަ ގޭތެރެއިން ލިބެން ހުންނަ ގުދުރަތީ ތަކެތި ބޭނުންކޮށްގެން ބޭސް ހެދުމުގެ މަގުސަދުގަ އެވެ.
"އަސްލު ދިވެހި ބޭސްވެރިކަންކުރާ މީހުން މި ރަށުގައި މަދުކަމުން އަޅުގަނޑު ހިތަށް އެރީ ސޯޝަލް މީޑިއާގައި އަޅުގަނޑު ކުރާނީ އެކަމޭ. ފުރަތަމަ ޓިކްޓޮކް ތައާރަފް ވިއިރު ވެސް އަޅުގަނޑުގެ ފޯނަކު އެ އެޕްލިކޭޝަނެއް ނީންނާނެ،" މޯޑްގެ ބޭސްވެރިކަމުގެ ދަތުރު ފެށުނު ގޮތް ކިޔައިދެމުން ބުންޏެވެ.
އޭނާއަކީ މުލަކުގެ އިމާމެވެ. އިމާމްކަމުގައި 11 އަހަރު ވެފައިވާއިރު، ރަށުގައި ދީނީ ހޭލުންތެރިކަން ފެތުރުމަކީ އޭނާ އަބަދު ވެސް ކުރަމުން ގެންދާ މަސައްކަތެކެވެ. ޓިކްޓޮކް އެޕްލިކޭޝަން އެޅުމުގެ މަގުސަދަކަށްވީ ސޯޝަލް މީޑިއާގައި ހެޔޮކަމެއް ފެތުރުމެވެ. އެއީ ދީނީ ވާހަކަ ވިޔަސް ބޭސްވެރިކަން ވިޔަސް މެ އެވެ.
"ރެއިން"ގެ ނަމުގައި އޭނާ ޓިކްޓޮކް އެޕްލިކޭޝަން ހުޅުވައި އޭނާގެ މަގުސަދު ހާސިލް ކުރުމުގެ މަސައްކަތް ފެށި އެވެ. ޓިކްޓޮކްގައި ކުރާ ކޮންމެ ކަމަކީ ވެސް ހެޔޮކަމެއް ފެތުރުން ކަމަށް އޭނާ ހެދި އެވެ. އެ ގޮތުން ދީނީ ނަސޭހަތް ދީފައި ހުންނަ ވީޑިއޯތަކާއި ބޭސްވެރިކަމުގެ ވީޑިއޯތައް ޓިކްޓޮކްގައި ހިއްސާ ކުރަން ފެށި އެވެ.
"އަޅުގަނޑަކީ ދިވެހި ބޭސްވެރިއެއް ނޫން. އެކަމަކު އެ މަސައްކަތަށް އަބަދުވެސް ވަރަށް ޝައުގުވެރިކަން ހުރޭ. އަޅުގަނޑުގެ ވަރަށް ގާތް ދެ ރަހުމަތްތެރިން އުޅޭނެ މިރަށުގައި ދިވެހި ބޭސްވެރިކަން ކުރާ. އެ ދެ މީހުންނާ އެކީ އުޅެމުން ގޮސް އެ މަސައްކަތަށް ބޮޑަށް ޝައުގުވެރިވެ އެކަން ކުރަން ބޭނުންވީ،" މޯޑު ބުންޏެވެ.
ބަދިގެ ތެރޭން އުފެއްދި "ހޯމް ރިމެޑީސް"
މޯޑް ބުނިގޮތުގައި ބަދިގެ ތެރެއިން ލިބެން ހުންނަ ތަކެތި ބޭނުން ކޮށްގެން ބޭސް ތައްޔާރު ކުރުމަށް އޭނާއަށް ބޮޑަށް ޝައުގުވެރި ވެވުނީ އެފަދަ ވީޑިއޯތަށް ބެލުމަށް ފަހު އެވެ. މޯޑް އެފަދަ ވީޑިއޯތައް އޭނާގެ ޓިކްޓޮކް ޕޭޖުގައި ހިމަނާފައި ވެސް ވެ އެވެ. އެހެން ނަމަވެސް އޭނާގެ ގިނަ ވީޑިއޯތަކަކީ އަމިއްލަ އުފެއްދުންކަން އުފަލާއެކު ފާހަގަކުރި އެވެ.
"އަމިއްލަ ޓިކްޓޮކް އެކައުންޓުން ލައިވް ޖެއްސޭވަރު ވީމަ، ފުރަތަމަ އަޅުގަނޑު ފެށީ ހެނދުނާއި ހަވީރުގެ ޒިކުރުތައް ގެނެސް ދޭން. އެއަށްފަހު ހަގީގަތުގައި ހޯމް ރިމެޑީސްތައް ހިމަނަންފެށީ،" މޯޑް ބުންޏެވެ.
މޯޑް ބޭސް ހަދައި ޓިކްޓޮކަށް ލާން ފެށުމުން ގިނަ ބައެއްގެ ތަރުހީބު އެ ވީޑިއޯތަކަށް ލިބެން ފެށި އެވެ. އެތައް ބަޔަކު ބަލައިގަތެވެ. އޭގެ ތެރޭގައި ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބޭރު މީހުން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. ހިތްހަމަނުޖެހޭ ކަހަލަ ނުވަތަ ހިތްވަރު އެލޭ ކަހަލަ ކުޑަ ވެސް ބަހެއް މީހެއްގެ ފަރާތުން ނުލިބެ އެވެ. އޭގެ ނަތީޖާއަކަށްވީ އެ މަސައްކަތް ކުރުމުގައި ދެމި ހުރުމަށް އޭނާއަށް ހިތްވަރު ލިބިގެން ދިއުމެވެ.
ހޯމް ރެމެޑީސްގެ މަސައްކަތުގައި އަދި މާގިނަ އަހަރުތަކެއް ހޭދަކޮށްފައި ނުވި ނަމަވެސް، އޭނާގެ ފަރުވާތަކަކީ ގިނަ ބައެއްގެ އުންމީދު އާ ކޮށްދޭ ފަރުވާތަކެކެވެ. އޭގެ ތެރެއިން މ. ވޭވަށުގައި ހިނގައިދިޔަ މުހިންމު ހާދިސާއެއް އޭނާ އުފަލާއެކު ކިޔައިދިނެވެ.
"އަޅުގަޑަށް އެއްފަހަރަކު ދިމާވި މަސްވެރިއެއްގެ ކައިރިން މަހަށް ނުދަނީ ކީއްވެތޯ ސުވާލު ކުރުމުން ފައެއްގައި ރިއްސާ، އެ ފައިގެ ނާރުތައް ފުއްޕާ ވާހަކަ ބުނި. އަދި ރާއްޖޭގެ އެކި ހޮސްޕީޓަލުތަކުން ކުރި ޑޮކްޓަރީ ފަރުވާއިން ލުޔެއް ނުލިބުނު ކަމަށް ވެސް ބުނި. އެއީ މިއަތޮޅު ވޭވަށު މީހެއް. އަޅުގަނޑު އޭނާއަށް 'ނަބީޒް' ކިޔާ ސުންނަތުން ސާބިތުވާ ބުއިމެއް ހަދައިދިނިން. އެ ބުއިމަށް ފަހު، ދޮޅު ހަފްތާގެ ތެރޭ އޭނާގެ ފައިގެ މައްސަލަ މުޅިން ރަނގަޅުވި،" މޯޑް ބުންޏެވެ.
އޭނާ ބުނިގޮތުގައި، ނަބީޒްއަކީ އައިޝާ ރަޞިއަﷲ ޢަންހާ ކީރިތި ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމައަށް ކެއުމުގެ ފަހުން ހިއްޕެވުމަށް ދެއްވާ އުޅުއްވި ސިއްހީ ގޮތުން ވެސް ފައިދާ އެކުލެވޭ ބުއިމެއް ކަމަށެވެ. ނާރުގެ ބަލިތަކަށާއި އެންޒައިޓީ އަދި ހަޖަމުގެ ބަލިތަކަށް ވެސް ރަނގަޅު "ނަބީޒް" ނަމަކަށް ކިޔުނު މިބުއިން ތައްޔާރު ކުރުމަށް އޭނާ 1 ލީޓަރުގެ ފެނަށް 200 ގުރާމުގެ ހިކި މޭބިސްކަދުރު އަޅަ އެވެ. އެއަށްފަހު، 8 ގަޑިއިރު ވަންދެން ބަހައްޓަނީ އެވެ. ފެނުގައި ބަހައްޓަންވާ ގަޑި ހަމަވުމުން، މޭބިސްކަދުރު ކޮޅު ފެނުން ނަގަނީ އެވެ. ނަބީޒް ހެދުމަށް މޭބިސްކަދުރުގެ ބަދަލުގައި ކަދުރު ވެސް ބޭނުން ކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ.
"8 ގަޑިއިރު ވަންދެން ފެނަށް މޭބިސްކަދުރު އަޅާފައި ބެހެއްޓުމުން، މޭބިސްކަދުރުގައިވާ ހުރިހާ ތާސީރެއް ހުންނާނީ ފެނުގެ ތެރެއަށް ފޯރާފައި. އެފެން ބޯން ބޭނުން ކުރާނީ. ނަބީޒް ތައްޔާރު ކުރުމަށްފަހު 8 ގަޑިއިރާ 12 ގަޑިއިރު ތެރޭ ބޭނުންކުރަން ފަށަން ޖެހޭނެ. ފުރަތަމަ ބޭނުން ކުރާއިރު އާދައިގެ ފިނިހޫނު މިނުގައި ބަހައްޓާނީ. އެއަށްފަހު ފްރިޖްގައި ބަހައްޓައިގެން ބޭނުން ކުރާނީ. ބޯނީ ތިން އިރު ކެއުމުގެ ފަހަށް،" މޯޑް ބުންޏެވެ.
މޯޑް ވަނީ އޭނާގެ މަންމަގެ ކަކުލުގެ މަސައްލައަށް ވެސް އަމިއްލަ ތެލެއް ހަދައި އުނގުޅައިދީ އަދި ރިހުން ރަނގަޅު ކޮށްދީފަ އެވެ. އެ ތެޔޮ ހަމަ އެންމެ ފަހަރަކު އުނގުޅުމުން އޭނާގެ މަންމަގެ ކަކުލުގެ ތަދު ކެނޑި މުޅިން ރަނގަޅުވި ކަމަށް އޭނާ ބުންޏެވެ. އެތެލަކީ އާތްރައިޓިސް ބައްޔަށް ވެސް ރަނގަޅު ތެލެއް ކަމަށް އޭނާ ބުންޏެވެ.
އިމާމްކަން ވެސް ކުރަމުން ބޭސްވެރިކަމުގެ ވީޑިއޯ ހެދުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އެ މަސައްކަތުގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިވަނީ އޭނާގެ އަންހެނުންކަން އޭނާ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.
މޯޑް ބޭސްވެރިކަމުގެ ތެރޭގައި ސީދާ ނޫޅުނު ކަމަށް ވިނަމަ ވެސް، އޭނާގެ އުންމީދަކީ އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ، ބޭސްވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކުރުމެވެ. އަދި ގިނަ ބަޔަކަށް އޭނާގެ ފަރާތުން ހެވާ މަންފާ ފޯރުކޮށްދިނު މެވެ.