އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ އަށްގަޑިއިރު މަސައްކަތް ކުރަންޖެހޭ ވަޒީފާތަކުގައި އުޅޭ މީހުންނެވެ. އެހެން ނަމަވެސް އޮފީހުގައި ބުރަ ދުވަހެއް ނިންމާލުމަށްފަހު ދިހަ ބާރަ ގަޑިއިރު ފާއިތުވެފައި ހުންނަ ދުވަސް ދުވަސްވެސް މަދެއް ނޫނެވެ.
މިއީ ކުންފުނިތަކާއި އޮފީސްތަކަށް ބޭނުންތެރި ކަމަކަށް ވި ނަމަވެސް މަސައްކަތްތެރިންގެ ސިއްހަތާއި ސިކުނޑިއަށް ރައްކާތެރި ކަމެއް ނޫނެވެ. މިކަމަށް ވިސްނާ ކުންފުންޏަކުން ނަމަ މުވައްޒަފުންގެ އިތުރު ގަޑި މަދުކުރަން ބާރު އަޅާނެ އެވެ.
އެގޮތުން އިންޑިއާގެ ކުންފުންޏަކުން މިވަނީ ވަޒީފާގެ ދިރިއުޅުމާއި ޒާތީ ދިރިއުޅުމުގައި ހަމަހަމަ މިންގަނޑެއް މުވައްޒަފުންނަށް ލިއްބައިދިނުމަށްޓަކައި ތަފާތު އުކުޅެއް ތައާރަފް ކޮށްފަ އެވެ.
ސޮފްޓްގްރިޑް ނަމަކަށް ކިޔާ އިންޑޯގެ އެ އައިޓީ ކުންފުނިން ވަނީ އޮފީހުގެ ވަގުތު ހަމަވުމުން މުވައްޒަފުންނަށް ގެއަށް ދާން ހަނދާން ކޮށްދޭ ސޮފްޓްވެއާއެއް ބޭނުންކުރަން ފަށާފަ އެވެ.
މި ސޮފްޓްވެއާގެ ދަށުން ކޮންމެ މުވައްޒަފެއްގެވެސް 8 ގަޑިއިރުގެ ޑިއުޓީ ހަމަވުމުން ޑިއުޓީ ނިމިއްޖެ ކަމަށާއި ކުރިއަށް އޮތް ދިހަ މިނެޓުގެ ތެރޭގައި ކޮމްޕިއުޓަރު ނިވޭނެ ކަމަށް ބުނެ ކޮމްޕިއުޓަރަށް މެސެޖެއް އާދެ އެވެ.
އެ ކުންފުނިން މި ސިޔާސަތު ކަނޑައެޅީ ގިނަ ވަގުތު މަސައްކަތް ކުރުމަކީ މަސައްކަތުގެ ކޮލިޓީ ދަށްވާ ކަމެއް ކަމަށް ފާހަގަ ކުރެވޭތީއާއި ހަމަހަމަ ބެލެންސެއް ގެންގުޅޭނަމަ މުވައްޒަފުންގެ މަސައްކަތުން އެކަން ފާހަގަވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސޮފްޓްގްރިޑްގެ ކޮމްޕިއުޓަރަކަށް އަރާފައިވާ އެ ނޯޓިސްގެ ފޮޓޯއެއް އިންޓަނެޓުގައި ދައުރުވަމުން އަންނައިރު މި މސާލުން އެހެން ކުންފުނިތައް ވެސް މިސާލު ނަގަން ޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.