ކުރީގެ ފިރިމީހާ ޖޯނީ ޑެޕް އޭނާއާ ދެކޮޅަށް ޖެއްސި ބަދުނާމު ކުރުމުގެ މައްސަލަ ކޯޓުގައި ނާކާމިޔާބު ވުމަށްފަހު އެކްޓަރު އެމްބާ ހާޑްގެ އަޑެއް މާބޮޑަށް ނީވެ އެވެ.
އެހެންނަމަވެސް އޭނާގެ ދަރިފުޅާއެކު ސްޕެއިންގައި އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުވުމާއެކު އެމްބާ އޭނާގެ ދިރިއުޅުން ސްޕެއިންއަށް ބަދަލުކުރީތޯ ގިނަ ބަޔަކު ސުވާލު ކުރި އެވެ.
މި ސުވާލަށް ޖަވާބު ދެމުން ސްޕެއިންގެ ދިރިއުޅުން ކިހިނެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެމްބާ ބުނީ ސްޕެއިން ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށެވެ.
މިއާއެކު އެމްބާ ހޮލީވުޑް އެއްކޮށް ދޫކޮށްލީތޯ ވެސް ސުވާލު އުފެދުނެވެ. އެހެން ނަމަވެސް އޭގެ ޖަވާބުގައި އެމްބާ ބުނީ ބައެއް މަސައްކަތްތައް ކުރިއަށް އެބަހުރި ކަމަށާއި ދިރިއުޅުން ކުރިއަށްދާ ކަމަށެވެ.
ޖޯނީ ޑެޕްއާއެކު ކައިވެނީގައި އުޅުނު އިރު ޑެޕްގެ ފަރާތުން ގެވެށި އަނިޔާތައް ކުރިމަތިވި ކަމަށް އެމްބާ ބުނުމާއެކު ޑެޕްގެ ވަކީލުން ކޯޓަށް މައްސަލަ ހުށައެޅި އެވެ.
އެ މައްސަލާގައި ބުނެފައިވަނީ އެެމްބާ އޭނާގެ ހޮލީވުޑް ކެރިއަރު ކުރިއެރުވުމަށްޓަކައި ޑެޕްގެ ބޮލުގައި ގެވެށި އަނިޔާގެ ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ކޯޓުން ނިންމީ ޑެޕްއާ އެއްކޮޅަށެވެ.