އަދާލަތު ޕާޓީގެ "ރިޔާސީ އިންތިޚާބު" މި މަހުގެ 23 ގައި ބާއްވަން ނިންމާފައިވާކަން އެ ޕާޓީން އިއުލާންކޮށްފި އެވެ.
އެ ޕާޓީން ނެރުނު އިއުލާނެއްގައި ވަނީ އަދާލަތު ޕާޓީގެ ދުސްތޫރުގައިވާ ގޮތުގެ މަތިން ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު 23 ޖެނުއަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ޕާޓީގެ އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނުވަ ވަނަ ދުވަހުގެ 2:00ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އަދާލަތު ޕާޓީގެ މިހާރުގެ ރައީސްއަކީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އެވެ. ނައިބު ރައީސަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. އެބޭފުޅުން ސަރުކާރުގެ މަގާމުތަކުގައި ހިމެނިވަޑައިގަންނަވަނީ އަދާލަތު ޕާޓީއަށް ކޯލިޝަނުން ލިބުނު ސްލޮޓްގެ ތެރެއިންނެވެ.
އަދާލަތު ޕާޓީގެ ގައުމީ މަޖިލިސް އަންނަ އަހަރުގެ ފެބުރުއަރީ 26 އަދި 27 ގައި ބާއްވާ ގޮތަށް ވަނީ ނިންމާފަ އެވެ. ގައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި ނައިބު ރައީސްކަމުގެ އިންތިޚާބާއި ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިއަހަރު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި އޭގެ އިތުރުން އަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަދާލަތު ޕާޓީގައި ހިމެނޭ މެމްބަރުންގެ އަދަދަކީ 6، 640 އެވެ.
އަދާލަތު ޕާޓީ އުފެދިގެން އައީ ރާއްޖޭގައި އިސްލާމީ ޝިއާރު ފުޅާކޮށް އިސްލާމްދީން ހިމާޔާތްކޮށް އަދި ދީނީ ކަންތައްތައް ވަރުގަދަ ކުރުމަށް ކަމަށްވިޔަސް ފަހަކަށް އައިސް އެޕާޓީ ދީނީ ކަންކަމުގައި މާބޮޑަށް ހަރަކާތްތެރިވާ ތަނެއް ނުފެނެ އެވެ. އަދި މިސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ކުރިމަތިވި އެމްޑީއެންއާއި އުތެމައިގެ މައްސަލައިގައި ވެސް އެ ޕާޓީން ބަސް ނުބުނާތީ ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ.