ރާއްޖެއަށް ދައުލަތެއްގެ ސިފަ އަލުން އަނބުރާ ގެނެސްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެމްޑިޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ކުރީ ސަރުކަރުން ވަނީ ރާއްޖޭގެ ދައުލަތެއްގެ ސިފަ ނިގުޅައިގެންފައި ކަމަށެވެ. އަދި އަލުން އަނބުރާ ރާއްޖެއަށް މިނިވަންކަމާ އިސްތިގުލާލު ގެނެސްދީ ދައުލަތެއްގެ ސިފަ ގެނެސްދެއްވީ މިވެރިކަމުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އޭރު ތިއްބެވި އިދިކޮޅު މެމްބަރުންގެ މެމްބަރުކަން ގެއްލުވާލާ މަޖިލީހުން މެމްބަރުންތައް ނަގާ އެއްލާލި ކަމަށެވެ. އަދި މުޅި ރައްޔިތުންގެ މަޖިލިސް ދިފާއީ ބާރުގެ ދަށަށް ގެނައި ކަމަށް ޝާހިދު ވިދާޅުވި އެވެ. އެއީ ދައުލަތް ހަރާބުކޮށްލުން ކަމަށާ އެއީ އަނިޔާވެރިކަން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ފަނޑިޔާރު ގޭގެ ފުރާޅުން ޓިނު ނަގައި، ބޮޑު ފަނޑިޔާރާއި ދެންތިބި ފަނޑިޔާރުން ނަގާ ގެންގޮސް ކުޑަގޮޅިއަށްލައި ބަނޑު ބިންމަތީގައި ޖެއްސީ ކުރީގެ އަނިޔާވެރި ސަރުކާރުންކަން ފާހަގަކުރައްވާ ފަނޑިޔާރު ގެއަށް މިނިވަންކަން ގެނެސްދިނީ ރައީސް ސޯލިހްގެ ސަރުކާރުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހްގެ ފަހަތްޕުޅުގައި ތިއްބެވީ އެ ސަސަބުތަކަށްޓަކައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝަހިދު ވިދާޅުވީ މިސަރުކާރުން މިލިޓަރީ ވެރިކަމެއް ހިންގެވުމަށް ފަނޑިޔާރުންނާއި މިނިސްޓަރުންނާއި ނައިބު ރައީސުން މަގާމުން ވަކި ނުކުރައްވާ ކަމަށެވެ. އަދި މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންގެ ހެވާ ލާބަޔަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.