މުސްތަގްބަލަށްޓަކައި، މިހާރު ލިބެންހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނައިބު ރައީސް ފައިސަލް ނަސީމް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވައިފި އެވެ.
ނައިބު ރައީސް މިކަމަށް ގޮވާލެއްވީ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ކުރިޔަށްދިޔަ "ފިއުޗާ އޮފް ވޯކް" ފޯރަމްގައި ތަގްރީރު ކުރައްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ދުނިޔޭގެ ލީޑަރުން، މިހާރުގެ ހިންގުމުގެ ނިޒާމުތައް ކުރިއަރުވާ "ފިއުޗާ އޮފް ވޯކް"ގެ ބޭނުންތައް ހާސިލުވާ ގޮތަށް އެ ނިޒާމުތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ.
ވޯލްޑް ގަވަމަންޓް ސަމިޓް 2023 ކުރިޔަށްދަނީ މި ފެބްރުއަރީ މަހުގެ 13 އިން 15 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގަ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ރަނގަޅު މުސްތަގުބަލެއް ހޯދުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަވަސް ހައްލުތަކެއް ހޯދަން ޖެހޭ މައްސަލަތަކެއް، އަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި، އެކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން އިގްތިސާދަށް އަންނަ ލޮޅުންތަކާއި، ޑިމޮގްރަފިކް ނުރަނގަޅު ޓްރެންޑްތަކާއި، މޫސުމަށް އަންނަ ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހަމަ އެހެންވެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެސް ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރު ކުރިޔަށްދަނީ، ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ކަންކަން ހިންގުމާއި މުއައްސަސާތައް އިސްލާހުކުރުމާއި، ޕަބްލިކް ސެކްޓަ ޒަމާނީކޮށް ތަރައްގީކުރުމަކީ ގައުމުގެ ކުރިއެރުމާ ތަރައްގީގެ މައިގަނޑު އަސާސްތައް ކަމުގައި ދެކިގެން ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި އިޖުތިމާއީ އަދި އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުމާއި އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާއި ސަރަހައްދީ ގުޅުންތައް ރަނގަޅު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިއަހަރުގެ ވޯލްޑް ގަވަމަންޓް ސަމިޓުގެ ޝިއާރަކީ "ޝޭޕިން ފިއުޗާ ގަވަމެންޓްސް" އެވެ.
މި ސަމިޓް މި ބޭއްވެނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް އައި ބޮޑެތި ބަދަލުތަކަށްފަހުގައި ކަމަށްވާތީ މިއީ މިފަދަ ސަމިޓަކަށް ވަރަށް މުނާސަބު ވަގުތެއްކަން ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުތަކުން ކަންކަން ހިންގަމުންއައި ގޮތްތައް އަލުން ތަރުތީބުކޮށް، ޚިދުމަތައް ހަލުވިކޮށް ދިނުމަށްޓަކައި އުފެއްދުންތެރި ސިޔާސަތުތައް އެކުލަވާލައި ޓެކްނޮލޮޖީތައް ތައާރަފްކުރަން ސަރުކާރުތަކަށް މަޖުބޫރުވެގެން ދިޔަކަން އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަ އެހެންމެ މި ބަލިމަޑުކަމުގެ ސަބަބުން މުޅި ސިއްހީ ނިޒާމަށް އައި އިންގިލާބީ ބަދަލާ އަދި ވާޗުއަލް ޚިދުމަތްތަކުގެ މުހިންމުކަން ވެސް ހާމަވެގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމައެހެންމެ އަދި ގޭގައި ތިބެގެން މަސައްކަތްކުރެވޭ އުސޫލުތަކަށް މީހުން ފަރިތަވެ އެގޮތަށް މަސައްކަތްކުރުން އާންމުވެގެން ދިޔަކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އުމްރާނީގޮތުންނާއި ޓެކްނޮލޮޖީ ގޮތުންނާއި އަދި މި ނޫންވެސް އައި ބަދަލުތަކާއެކު ރާއްޖެއަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މަސައްކަތްކުރާ ފަރާތްތަކާއި ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ޖަގަހައަކަށް ވަމުން އަންނަ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 2023 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖެއިން "ވަން-ގަވް ހިދުމަތްތައް" ތައާރަފްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު "ގަވްއެމްވީ" ޕްލެޓްފޯމަކީ، ސަރުކާރުގެ އިދާރާތަކާއި އާންމުންގެ މެދުގައި ޑިޖިޓަލް މުވާސަލާތު ކުރުމުގެ މަގު ފަހިކޮށްދޭ ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ޑިވެލޮޕްމަންޓް އެޖެންޑާގެ އަމާޒަކީ ޑިޖިޓަލް ޑިވެލޮޕްމަންޓްގެ ބިންގާއަޅައި ކުރިއެރުވުން ކަމަށާއި މި ޕްލޭންގެ މައިގަނޑު އަސާސަކީ ޑިޖިޓަލް މުޖުތަމައެއްގެ ބިނާކުރުމުގެ މައިގަނޑު އެއް އަސާސްކަމުގައިވާ، ޑިޖިޓަލް އައިޑެންޓިޓީ ތައާރަފުކުރުން ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބް ރައީސް ވަނީ "ފިއުޗާ އޮފް ވޯކް" އަށް މަގުފަހިވާ ގޮތަށް އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ކުދި ފަންތިއާ އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ބޭންކް އުފެއްދުމާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް އިތުބާރު ހިފޭ އަދި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އުފެއްދުންތެރި "ގްރީން ޓެކްނޮލޮޖީ"އަށް އިސްކަން ދޭންޖެހޭ ކަން ފާހަގަކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީއާ ގާބިލުކަން އިތުރުކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކޮށް، ކާރިސާތަކުގެ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، ނޫ އިގްތިސާދު ކުރިއެރުވުމާއި ބެހޭގޮތުން ވެސް ނައިބު ރައީސް ވާހަކަފުޅު ދެއްކެވި އެވެ.