މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ ޢަމަލުތައް ހިންގުން ކުރިއަށްވުރެ މަދުވެފައިވަނީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު މިފަދައިން މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި އެފަދަ މައްސަލަތައް މަދުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވުމާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅާ ގުޅިގެން މީޑިއާތަކަށް ހިއްސާ ކުރެއްވި މެސެޖެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ މިސްކިތްތަކުގައި ހިނގާ އެފަދަ މައްސަލަތައް މަދުކުރެވިފައިވަނީ މާލެ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު ބަލަހައްޓަމުންދާތީ ކަމަށެވެ.
މިފަދަ މައްސަލަތައް މަދުވެފައިވަނީ ސިޓީ ކައުންސިލުން ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް 24 ގަޑިއިރު މޮނީޓާ ކުރާތީ“ މޭޔަރު މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން އެފަދަ މައްސަލައެއްގެ ރިޕޯޓެއް ލިބިއްޖެނަމަ، މާލޭ ސިޓީ ކައުންސިލްގެ ޕޮލިސް ކޮންސްޓްބިއުލަރީގެ ފަރާތުން ވަގުތުން ފިޔަވަޅު އަޅާ އެފަދަ މައްސަލަތައް ހައްލުކުރަމުންދާކަންވެސް މޭޔަރު މުއިއްޒު ވަނީ ފާހަގަކުރައްވައިފަ އެވެ.
މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުގެ މަންޒަރުތައް ވަގުތުން ބެލޭނެ ފަދައިން މުޅި މާލެސިޓީ ސީސީޓީވީ ކެމެރާތަކަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން މިސްކިތް ތަކާއި، ޕާކު ތަކުގައި ކެމެރާ ހަރުކޮށް އެތަންތަން ބެލެހެއްޓުމަށް ޤާއިމްކުރި މޮނިޓަރިންގް ނިޒާމް އިފްތިތާޙްކޮށްދެއްވީ 19 ޖުލައި 2022ގައި ލޮނުޒިޔާރަތް ޕާކުގައި ބޭއްވި މާލެ ސިޓީގެ ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ފަށާފައިވާ ސީސީޓީވީ ހަރުކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކައުންސިލުން ވަނީ މާލޭގެ ދެކުނު ބަނދަރުގައި، މެރީ ބްރައުން ރެސްޓޯރެންޓުން ފެށިގެން ސްޓެލްކޯ ޕަމްޕް ސްޓޭޝަންތަކާ ހަމަޔަށް 15 ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ.
އަދި އެ ކެމެރާތައް މެދުވެރިކޮށް އެ ސަރަޙައްދުގެ ސެކިއުރިޓީ ކަންކަން 24 ގަޑިއިރު ސިޓީ ކައުންސިލުން ދަނީ ބަލަހައްޓަމުންނެވެ.
ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން މާލޭގެ މިސްކިތްތައް ބެލެހެއްޓުމަކީ، ހަތަރުވަނަ ދައުރުގެ ކައުންސިލުން ކުރިއަށްއޮތް ފަސް އަހަރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެއް އަމާޒެވެ.