ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުން އަންނަ މަހު ބޭއްވުމަށް ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ސިޓީ ކައުންސިލުގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން އަންނަ މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން އެ ކައުންސިލެއްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ރައްޔިތުންނާއި އަހަރަކު ދެފަހަރު ގާނޫނީ ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މި އަހަރު މާލެ ސިޓީ ކައުންސިލުން ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.
ހަތަރު ވަނަ ދައުރުގެ މާލެ ސިޓީ ކައުންސިލުން ވަނީ ލާމަރުކަޒީ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިން ވެސް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާފަ އެވެ. އަދި އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށްގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ. މިފަހަރުގެ ރައްޔިތުންގެ ބައްދަލު ވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލު ވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން މާލެ ސިޓީގެ މޭޔަރު މުއިއްޒު އަދި ކައުންސިލަރުންނާ ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.
މާލެ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް މީގެ ކުރިން އަވަށްތަކުގެ މެދުގައިވެސް ބައްދަލުވުންތަކެއް ވަނީ ބާއްވާފަ އެވެ.