ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތުގައި ލިބޭ ކާމިޔާބީތައް ލަސްވުމަކީ ވަރަށް ގިނައިން އަޑުއިވޭ ޝަކުވާއެކެވެ. ކިތަންމެ ރަނގަޅަށް ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރި ނަމަވެސް ބަރުދަން ލުއިވުން ލަސްވެ އެކަމަށް ހުރަސްއަޅާ ބައިވަރު ސަބަބުތައް ހުރެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ސަބަބުތަކަށެވެ.
ޖިންސު
ބަރުދަން ލުއިކުރުމުގައި ޖިންސަކީ ވެސް ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. އެގޮތުން އަންހެނުންގެ ގައިގައި ފިރިހެނުންނަށް ވުރެ މަސްގަނޑާ އަޅާބަލާއިރު ސަރުބީ ގިނަވުމުގެ ސަބަބުން މެޓަބޮލިޒަމް ލަސްކޮށްދެ އެވެ. އެހެންކަމުން ފިރިހެނުންނަށްވުރެ އަންހެނުންނަށް ބަރުދަން ލުއިކުރަން އުނދަގޫވާނެ އެވެ.
އުމުރު
އުމުރާއެކު ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ބަރުދަން ލުއިވުން ލަސްކޮށްދެ އެވެ. އެގޮތުން އުމުރާއެކު ހަށިގަނޑުގެ މެޓަބޮލިޒަމް ލަސްވެ އެވެ. ނަތީޖާއަކަށް ވަނީ އުމުރުން ދުވަސްވާ ވަރަކަށް ބަރުދަން ލުއިކުރަން އުނދަގޫވުމެވެ.
މިހާރުގެ ބަރުދަން
ބަރުދަން ލުއިކުރެވޭ އަވަސްމިން ދެނެގަތުމުގައި މިހާރުގެ ބަރުދަނަކީ މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެކި މީހުންގެ އެކިގޮތަށް ބަރުދަން އިތުރުވެފައި ހުންނައިރު ސަރުބީ ޖަހާފައި ހުންނަ ތަންތަނަކީ ސަރުބީ ވިރެން އުނދަގޫ ހިސާބެއް ނަމަ ބަރުދަން ލުއިވުމަށް އަސަރުކުރާނެ އެވެ.