އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ އެއްބުރުން ރިޔާސީ އިންތިހާބު ކިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ނ. ވެލިދު އަށް ވަޑައިގެން، އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވިސްނުމާއި ފިކުރު އަމާޒުކުރަންވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެމްޑިޕީގެ ސަރުކާރެއް އެކުލަވައިލުމަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ الله ގެ ރަޙްމަތާއެކު އޯގަސްޓް މަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން، އެއްބުރުން ބޮޑުތަނުން ކާމިޔާބު ކުރާނަން," ރައީސް ވިދާޅުވިއެވެ.
މާޒީގައި އެމްޑީޕީން ކުރި ހިތި ތަޖުރިބާ ނުކޮށް ފަސޭހަކަމާ އެކި އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެމަނިކުފާނަށް ޓިކެޓް ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބާކީކޮށްލަން އެމަނިކުފާނު އުޅޭކަމަށް ކުރާ ތުހުމަތުތަކަށް ވެސް ރައީސް މިރޭ ޖަވާބު ދެއްވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރަނީ ވަކި މީހަކާ އިދިކޮޅަށް ނޫން ކަމަށެވެ. އަދި ޕްރައިމަރީއަށްފަހު ވެސް އެމްޑީޕީގެ ހުރިހާ މެންބަރުން ކުރިއަށްދާނީ އެކަތިގަނޑަކަށް ވެގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް އެއްބައެއްގެ ގޮތުގައި ހިނގާ ޕާޓީއެއް ކަމަށެވެ. ޕްރައިމަރީ ނިމުނަސް، ޕާޓީ ބައިބައި ނުވާނެ ކަމަށާއި އަނެއްކާވެސް އެ ޕާޓީ ކުރިއަށް ދާނީ އެއްބައެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
"މި އަކީ ވަކި މީހަކާ ދެކޮޅަށް އަޅުގަނޑުމެން ކުރާ ކަމެއް ނޫން. ވަކި ބަޔަކު ބާކީ ކުރަން ކުރާ ކަމެއް ވެސް ނޫން. އަޅުގަނޑުމެން މި ޕްރައިމަރީ ނިމުމާ އެކީގައި އަނެއްކާވެސް ކުރިއަށް ދާނީ ހަމަ އެމްޑީޕީ. އެމްޑީޕީއަކީ އެއް ބައެއް،" ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އިސް ލީޑަރުކަން ވެސް ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ޕްރައިމަރީއަށް ފަހު އެމްޑީޕީ އެކީގައި ކުރިއަށް ގެންދެވޭނެ ގޮތަށް ކެމްޕެއިން ކުރިއަށް ގެންދިއުމަކީ އެ މަނިކުފާނުގެ އެދިވަޑައިގަތުމެކެވެ.
"އެހެންވީމާ ޕާޓީ ޕްރައިމަރީ ނިމުމާ އެކީގައި އެގޮތަށް މަސައްކަތް ކުރެވޭނެ ވިސްނުމެއްގައި އަޅުގަނޑުމެންގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ކިބައިން މިރޭ ވެސް އެދޭ އެދުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހަގީގަތުގައި ބާއްވާކަށް ނުވެސް ޖެހޭ ކަމަށެވެ. އެކަމަކު، ހާލަތު އެ ގޮތަށް އޮތަސް، އެ މަނިކުފާނަށް ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށާއި އޭގެ ފަހުގައި ރިޔާސީ އިންތިހާބު ވެސް އެއް ބުރުން ކާމިޔާބު ކުރައްވާނެ ރައީސް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބު އެއް ބުރުން، އެއް ބުރުން، ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީއަށް ވިޔަސް، ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ކުރެވޭނީ ކިހިނެތް ކަމާ މެދު ކުރީގެ ތަޖުރިބާތަކަށް ބެލުމަށް ފަހު ވިސްނަންޖެހެ އެވެ. އެގޮތުން 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވެއްޓުމާއި އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ނާކާމިޔާބުވި ގޮތާއި އޭގެ ފަހުން ކަންކަން ވެގެން ދިޔަ ގޮތް ހަނދާނަށް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެންމެ 6،000 ވޯޓު މަދުވެގެން މި އޮތް ބޮޑު ޕާޓީ، އެ ވޯޓުލީ އެންމެންނާ އެކު ތިބީ މަގުމަތީގައި. މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އެ ދުވަހު އެ ކުރިމަތިވި ނާކާމިޔާބީއަށް ފަހު އަޅުގަނޑުމެންނަށް ކުރިމަތިވި އަނިޔާ އާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް އަޅުގަނޑުމެން ދާނީތޯ؟" ރައީސް ސުވާލު އުފެއްދެވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ސޯލިހާ ވާދަވެރި ކެނޑިޑޭޓް ރައީސް ނަޝީދު ވެސް މިހާރު ވަނީ އަތޮޅުތެރެއަށް ކެމްޕެއިން ދަތުރުފުޅެއް ފައްޓަވައިފަ އެވެ.