ދޯހާ (25 ނޮވެމްބަރު) – ފިފާ ވޯލްޑް ކަޕްގެ ގުރޫޕް އޭގައި މިރޭ ނެދަލޭންޑްސް އާއި އިކުއެޑޯ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. މި ނަތީޖާއާއެކު، މި ގުރޫޕްގައި ހިމެނޭ މުބާރާތުގެ ހޯސްޓް ގަތަރު ވަނީ މުބާރާތުން ކަޓައިފަ އެވެ.
މި ނަތީޖާއާއެކު، ގުރޫޕް އޭ އިން ދެވަނަ ބުރަށް ދާނެ ޓީމެއް އެނގޭނީ މި ގުރޫޕްގެ ފަހު މެޗުތަކުންނެވެ. އެކަމަކު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ގަތަރު ވަނީ މުބާރާތުން ކަޓައިފަ އެވެ. ގަތަރީ މި އަހަރުގެ ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމެވެ. އަދި މިއީ ވޯލްޑް ކަޕްގެ ހޯސްޓެއް މުބާރާތުގެ ގުރޫޕް ސްޓޭޖުން ކެޓި ދެވަނަ ފަހަރެވެ.
މި ގުރޫޕްގައި އިކުއެޑޯ އާއި ނެދަލޭންޑްސް ހަތަރު ޕޮއިންޓް ހޯދާފައިވާއިރު، ސެނެގާލް އޮތީ ތިން ޕޮއިންޓާއެކު އެވެ. ގުރޫޕް ފަހު މެޗުތަކުގައި ނެދަލޭންޑްސް އާއި ގަތަރު ކުރިމަތިލާއިރު، އިކުއެޑޯ ނުކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ.
ނެދަލޭންޑްސް އިން މިރޭގެ މެޗުގައި ލީޑު ނެގީ މެޗުގެ ހަ ވަނަ މިނިޓުގައި ޒުވާން ފޯވަޑް ކޯޑީ ގަކްޕޯ ޖެހި ލަނޑުންނެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕްގެ މެޗަކުން ފެނުނު އެންމެ އަވަސް ގޯލެވެ.
އެކަމަކު އިކުއެޑޯ އިން ފަސްނުޖެހި ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ ދެވަނަ ހާފު ކުރީކޮޅު އެ ޓީމުން ނަތީޖާ ހަމަހަމަކުރެމެވެ. އިކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ އެ ޓީމަށް ލަނޑު ޖަހައިދިންއިރު، މިއީ އޭނާ މި މުބާރާތުގައި ޖެހި ތިން ވަނަ ލަނޑެވެ.