ދައުލަތުގެ އާމްދަނީ އިތުރުކުރަން ރައްޔިތުންގެ އަތުންނާއި ބައެއް ޓޫރިޒަމްގެ ދާއިރާގެ ވިޔަފާރިވެރިންގެ އަތުން ޓެކްސް ނެގުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި އެވެ.

ޓެކްސް ބޮޑު ކުރުމަށް 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' އިސްލާހު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުއެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައި ވަނީ އެއްވެސް އިސްލާހެއް ގެނައުމަކާ ނުލައި އެ ބިލް ފާސްކުރުމަށެވެ.

ސަރުކާރުން ހުށަހެޅި ބިލްގައި ޓެކްސް ބޮޑުކުރަން ހުށަހަޅާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ސަރުކާރުން ހުށަހެޅީ އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ %6 އިން %8އަށް ބޮޑުކުރުމަށެވެ. ޓޫރިޒަމް ދާއިރާ އިން ނަގާ ޓީޖީއެސްޓީ %12 އިން %16އަށް ބޮޑު ކުރަން ވެސް ހުށަހެޅި އެވެ.

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވީ މިއަދު ޕާލަމެންޓްރީ ގްރޫޕުން ނިންމި ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.

"އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ސަރުކާރަށް ތާއީދުކުރާ މެންބަރުންތަކެއް އެއްވެ ނިންމި ނިންމުމެއް އެއީ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް،" އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޓެކްސް ބޮޑުކުރުމުގެ ބިލަށް އެމަނިކުފާނުގެ ތާއީދު އޮތްކަން ހާމަކުރައްވާފަ އެވެ.