ލިޕްސްޓިކްއަކީ މިހާރުގެ ޒުވާން އަންހެން ކުދިންގެ އަތްދަަބަހުގައި ކޮންމެހެން ވެސް އޮންނަންޖެހޭ އެއްޗެކެވެ.ކޮންމެ ތަނަކުން ކޮންމެ ވަގުތަކު ވިޔަސް އަންހެން ކުއްޖެއްގެ އަތްދަބަހުގެ ތެރެއިން އެންމެ އާންމު އެކައްޗެއްގެ ގޮތުގައި ފެންނަ އެކައްޗަކީ ކޮންމެވެސް ބްރޭންޑެއްގެ ލިޕްސްޓިކެކެވެ.
މޭބެލިންފަދަ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ލިޕްސްޓިކްތަކުގައި ގިނަ މިންވަރަކަށް ލެޑް ހުންނަކަމަށް އެމެރިކާގެ އެފްޑީއައިއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ވަނީ ދައްކާފަ އެވެ.
ތަހްލީލުތަކުން މިގޮތަށް ހާމަކޮށްފައިވާއިރު އެ މާއްދާއަކީ އިންސާނުންގެ ތުންފަތުގައި ހޭކުމަށް ރަނގަޅު މާއްދާއެއް ނޫންކަމަށް ވަނީ ބުނެފަ އެވެ.
ލިޕްސްޓިކް ގިނަ އިރު ވަންދެން އަދި ގިނަ އަދަދަކަށް ބޭނުންކުރުމަކީ މޫނުގައި ނުވަތަ ތުންފަތް ކައިރީގައި ބިހި ނެގުން އަދި ތުންފަތުގެ އެކި ތަންތަންކޮޅުގައި ފޮޅު ނެގުމުގެ އިތުރުން އަނގައިގެ އެކި އެކި މައްސަލަތައް ކުރިމަތިކުރުވާ ކަމެއް ކަމަށް އެފްޑީއައިގެ ދިރާސާއިން ދައްކުވައިދީފައިވެ އެވެ.
ތަޖްރިބާކަރުން ވިދާޅުވެފައިވަނީ ގިނައިރު ނުކޮށް ލިޕްސްޓިކް ފިލުވުމަށް އިސްކަމެއް ދޭންޖެހޭ ކަމަށެވެ. މިގޮތަށް ލިޕްސްޓިކް ފޮހޭއިރު މަޑު ދަތްއުނގުޅާ ބުރުހެއް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
މީގެ އިތުރުންވެސް މަރުވެފައިވާ ހަންކޮޅު ކޮޅު ވަކިކުރުމަށް ކޮކޯ ބަޓާ ފޮމިއުލާ އަދި ލިޕް ބާމް ފަދަ އުފެއްދުންތަކަކީ ބޭނުން ކުރުމަށް އެންމެ ރަނގަޅު އުފެއްދުންތައް ކަމާބެހޭ ތަޖުރިބާކާރުން ވަނީ ވިދާޅުވެ އެވެ.