އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ސިފައިން ފޯރުކޮށްދޭ ސެކިއުރިޓީގެ ހިދުމަތް ނުދޭކަން ހާމަވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މުޒާހަރާގައި ހަރަކާތްތެރިވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާފައިވަނީ އެ ޕާޓީގެ އާންމު އެކްޓިވިސްޓުންނެވެ.

ތަކެތީގެ އަގުތައް ހިފެހެއްޓުމެއް ނެތި އުފުލެމުން އަންނާތީ "ދަތިވެއްޖެ" ނަމުގައި އެމްޑީޕީން ބޭއްވި މި މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދަނިކޮށް، ފުލުހުން ނުކުމެ ވަނީ އެ ސަރަހައްދުން މުޒާހަރާ ކުރިއަށް ނުގެންދެވޭ ގޮތަށް ހުއްޓުވާފަ އެވެ.

މި މުޒާހަރާގައި އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ލީޑާޝިޕްގެ އިސް ބޭފުޅުންނާއި އާންމު މެންބަރުން ބައިވެރިވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކު މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ އެ ވަގުތަކަށް ސެކިއުރިޓީ މެދުކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވަނީ މިދިޔަ ޖޫން މަހު ނިންމާފަ އެވެ.

މި ނިންމުން ނިންމާފައިވަނީ މުޒާހަރާ ކުރުން ފަދަ އަސާސީ ހައްގަކަށް ހުރަސް އެޅޭ ގޮތަށް އެފަދަ ފިޔަވަޅެއް ނޭޅުމަށް ބައެއް މެންބަރުން އިލްތިމާސް ކުރައްވަމުން ގެންދަވަނިކޮށެވެ.

މި ނިންމުމުގެ އަސްލު މަގްސަދަކީ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކަށް ވަޑައިގަތުން ހުއްޓުވައި، އެމަނިކުފާނަށް ބިރުދެއްކުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ނިމުނު ފަހުން އެ މަނިކުފާނަށް އެމްއެންޑީއެފް އިން އަންނަނީ ސެކިއުރިޓީ ދެމުންނެވެ. އަދި އެ ސެކިއުރިޓީ ދެމުން އަންނަނިކޮށް ވެސް 2021 ވަނަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ އެ މަނިކުފާނަށް ވަނީ ބޮމުގެ ނުރައްކާތެރި ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ.