ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަނީ އިންޑިއާއިން ކަމަށް ވިދާޅުވެ، ދުވަސްތަކަކަށްފަހު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް އިންޑިއާއަށް ފާޑުވިދާޅުވެއްޖެ އެވެ.
ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ނާށިގަނޑު ހިފައިގެން ދިވެހީން ސަލާން ޖަހަން ދާން މިޖެހެނީ އިންޑިއާ މީހުން ކައިރިއަށް ކަމަށެވެ. އަދި އިންޑިއާ މީހުން ނޫނެކޭ ބުނާ ދިމާލަށް ބާލާލުން ވެސް ދިވެހީންނަށް ހުއްދަ ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ މީހުން [އިންޑިއާ މީހުން] ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރަނީ. އެ މީހުން ނޫނެކޭ ބުނާ ދިމާލަކަށް އަޅުގަނޑުމެން ބަލާލުމުގެ ހުއްދައެއް ނެތް. ދާޚިލީ ސިޔާސަތުގައި އެ މީހުން ބުނާގޮތަކަށް ނޫނީ ކަމެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވި ނަމަވެސް ހިތުގައި ހިނގާ އިންޑިއާ އައުޓްގެ ޝުއޫރެއް ނުހުއްޓުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދައުލަތުގެ ވެރީންނަށް ވުރެ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާ ބާރުގަދަ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"މިތާނގައި ރައީސުލް ޖުމްހޫރިއްޔާ އާއި ސިފައިންގެ ވެރިޔާއަށް ވުރެ މާ ބާރުގަދަ އިންޑިއާގެ ސަފާރާގައި ހުންނަވާ ސަފީރު. އަދި އޭނާގެ އަތްދަށުން މަސައްކަތްކުރާ މީހާ ވެސް މާ ބާރުގަދަ. އެބުނި ގޮތަށް ކަންކަން ކުރަންޖެހޭ. މިއީ ލޯމަތިން ފެންނަން ހުރި ކަންކަން،" ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް ބޮޑު ހަރަކާތެއް ޕީޕީއެމުން ފެށިއެވެ. ނަމަވެސް އެ ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވިފަހުން އެ ހަރަކާތް ވަނީ ހުއްޓިފަ އެވެ.
މީގެކުރިން ޔާމީން ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ ގަރާރު އޮއްވައި އެ ހަރަކާތް ކުރިއަށްގެންދާނަމަ އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމަށެވެ. އެހެންވެ އެ ހަރަކާތް މެދުކަނޑާލީ ކަމަށް ވިދާޅުވި އެވެ.