ކޮފީއަކީ އެންމެންނަށްވެސް އިނގޭ، ކޮންމެ ގެއެއްގައިވެސް ލިބެން ހުންނާނެ އެއްޗެކެވެ. ކޮފީ އަކީ އަނގަ މީރުކޮށްލުމުގެ އިތުރުން އޭގައި އެކުލެވޭ ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންސްގެ ސަބަބުން ހަންގަނޑު ސާފުކޮށްދިނުމަށާއި ލޯކައިރި ފުއްޕިފައި ހުރުމުންވެސް ދުރުކޮށްދޭ އެއްޗެކެވެ. މި ސަބަބަށްޓަކައި ކޮފީ ބޭނުންކޮށްގެން ހަދާ ފޭސް މާސްކުތަކަކީ ހަންގަނޑަށް ފައިދާހުރި މާސްކުތަކެކެވެ.
ކޮފީ، އޯޓްމީލް އަދި ޔޯގަޓް ފޭސް މާސްކް
ކޮފީ އާއި އޯޓްމީލްގެ ސަބަބުން މަރުވެފައި ހުންނަ ހަމުގެ ސެލްސް ތައް ސާފުކޮށްދީ އައު ސެލްސްތައް އިތުރުކޮށްދެ އެވެ. އަދި ޔޯގަޓްގެ ސަބަބުން ހަމުގެ އުޖާލާކަން އިތުރުކޮށް ދެއެވެ. ކޮފީ އާއި އޯޓްމީލް އެއްކޮށް ރަނގަޅަށް ހިމުން ވަންދެން މުގުރާލާށެވެ. އެއަށްފަހު ޔޯގަޓް އެއްކޮށް މޫނާއި ކަރުގައި ޕޭސްޓް ހާކާށެވެ. އަދި 30 މިނެޓް ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.
ކޮފީ އަދި އޮލިވްއޮއިލް ފޭސް މާސްކް
މިއީ ހިކި ކުރަކިވެފައި ހުންނަ މޫނުތަކަށް ހާއްސަ ފޭސް މާސްކް އެކެވެ. އެގޮތުން އޮލިވް އޮއިލް އަކީ ހަންގަނޑު މޮއިސްޓްރައިޒް ކޮށްދިނުމަށް އެހީވެދޭ އެންމެ ރަނގަޅު މާއްދާ އެވެ. އެއް މޭޒުމަތީ ސަމުސާގެ ކޮފީ އާއި އޮލިވް އޮއިލް އަޅާ އެއްކޮށްލާށެވެ. އަދި ކަރާއި މޫނުގައި ހޭކުމަށްފަހު 3 މިނެޓްފަހުން ދޮވެލާށެވެ.
ކޮފީ، އޯޓްމީލް އަދި މާމުއި ފޭސް މާސްކް
މިއީ ނާޒުކު ހަންގަނޑަކަށް އެންމެ ރަނގަޅު ފޭސް މާސްކް އެވެ. އެގޮތުން އޯޓްމީލްސްއިން ހަންގަނޑު ސާފިުކޮށްދީ ހިރުވުމުން ދުރުކޮށްދޭއިރު މާމުޔަކީ ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާ އެކެވެ. އެއް މޭޒުމަތީ ސަމުސާ މުގުރި ކޮފީ އާއި މާމުއި އެއްކޮށްލުމަށްފަހު ދެ މޭޒުމަތީ ސަމުސާ މުގުރި އޯޓްމީލް އަޅާ އެއްކޮށްލާށެވެ. އަދި މޫނުގައި ހާކައިފައި 20 މިނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.