މާލޭގެ ގޭންގަކުން ފުލުހުންނަށް ހަމަލާދިން މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ފިލައިގެން އުޅެނިކޮށް މިރޭގެ ވަގުތެއްގައި ކަމަށެވެ.
މީގެކުރިން ވަނީ އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެހެންކަމުން މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު މިވަނީ އަށަކަށް އަރައިފަ އެވެ.
ސީޕީ ހަމީދު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުންތަކަކަށް ހަމަލާދިނީ ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ކަމަށެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ޑްރަގްގެ މައްސަލަތައް ހައްލުކުރުމަށް މިހާރަށް ވުރެ ފުޅާ، ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބު އެންމެ އެދެވޭގޮތުގައި ފުރިހަމަ ކުރުމަށް ފުލުހުންނަށް އިތުރު ހިތްވަރާއި ރައްކާތެރިކަން ބޭނުންވާކަމަށް އޭނާ ވިދާޅުވި އެވެ.