ކޮލަމްބޯ (02 ޖުލައި) - ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ބެއިލް އައުޓް ޕެކޭޖެއް ހަމަޖެއްސުމާ ގުޅޭގޮތުން ސްރީލަންކާގެ ސަރުކާރާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތައް އެއްވެސް އަލިމަގެއް ނުފެނި ނިންމާލައިފި އެވެ.
އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އައިއެމްއެފްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޝްވަރާތައް އަލުން ފަށާނެ ކަމަށާއި ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން މާލީ އެހީތެރިކަން ދެވޭނެ ގޮތެއް އޮތްތޯ ބަލާނެ ކަމަށެވެ.
ދަރަނީގެ މައްސަލަތައް ކުރިމަތިވެފައިވާ ގައުމުތަކަށް އައިއެމްއެފްއިން ދޭ އީއެފްއެފްގެ އެއްބަސްވުމަކީ ދަރަނި ދެއްކުމުގެ ސިޔާސަތުތައް ކަނޑައެޅުމަށް ދެވޭ މާލީ އެހީ އެކެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގެ އިގްތިސާދު ވަނީ އެގައުމުގެ ތާރީހުގައި ވެސް ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް ވެއްޓިފަ އެވެ.
ދަރަނިތައް ނުދެއްކި ޑިފޯލްޓަށް ދިއުމުގެ ސަބަބުން އެގައުމުގައި ތެލާއި ގޭސް ހުސްވެ ކާބޯތަކެތި ހުސްވެދާނެ ކަމުގެ ބިރު ވެސް ވަނީ ހީވެފަ އެވެ.
އެއާއެކު އެގައުމުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމާއި ގޭސް ވިއްކުމުގައި ހިފެހެއްޓުންތަކެއް ގެންގުުޅުން ފަދަ ފިޔަވަޅުތަކެއް އެގައުމުގެ ސަރުކާރުން ވަނީ އަޅާފަ އެވެ.
އައިއެމްއެފްއިން އިތުރަށް ބުނީ ބެއިލް އައުޓް ޕެކޭޖް ޔަގީން ކުުރުމަށްޓަކައި ސްރީލަންކާއިން ދަރާފައިވާ ގައުމުތަކަށް ދަރަނި ދެއްކޭނެ ކަން ކަށަވަރުކޮށް ދައްކައިދޭން ޖެހޭނެ ކަމަށެވެ.
ސްރީލަންކާގެ ސަރުކާރު ސްކޫލުތައް ބަންދު ކޮށްފައިވާއިރު ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުން ވެސް ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރަން ފަށާފަ އެވެ. -- ސީއެންބީސީ