ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަޒީރުންކަން ކުރެއްވި ބައެއް ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 17 ބޭފުޅަކު ޕީޕީއެމްގެ ކައުންސިލަށް އިންތިޚާބުވެއްޖެ އެވެ.
މިރޭ ބޭއްވި ވޯޓުގެ ނަތީޖާ މިހާރު އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.
ޕީޕީއެމްގެ ކައުންސިލަށް 12 ފިރިހެން ބޭފުޅަކާއި 17 އަންހެން ބޭފުޅަކު ވަނީ އިންތިހާބުވެފައެވެ. އޭގެތެރޭގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ކުރީގެ އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ކުރީގެ ޔޫތު މިނިސްޓަރު އަދި މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ހިމެނެ އެވެ.
ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހްމަދު އައިފާން ވެސް ވަނީ އިންތިހާބުވެފަ އެވެ.
އަންހެން ބޭފުޅުންގެ ގޮތުގައި އިންތިހާބުވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލްގެ އަނބިކަބަލުން ޝެރީނާ އަބްދުއްސަމަދު ހިމެނިވަޑައިގަންނަވަ އެވެ. އޭނާއަކީ ރައީސް ޔާމީން ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ހަމައެހެންމެ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފުގެ އަނބިކަނބަލުން ޒީނާޒް އަދުނާނު ވެސް ވަނީ އިންތިހާބުވެފަ އެވެ. އޭނާ އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ.