ފުވައްމުލަކުގައި ޢިމާރާތްކުރާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ފަށްޓަވައިދެއްވައިފި އެވެ.
ފުވައްމުލަކުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށާއި އެކަމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އިލްމު އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި މި މަސްޢޫލިއްޔަތަކީ މުޖްތަމަޢުގެ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، މުޅި މުޖްތަމަޢުގެ އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި މި މަރުކަޒުގެ ތެރެއިން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ، މިއީ މި ސަރަޙައްދުގެ މައި މަރުކަޒަކަށް ހައްދަވާދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
ނައިބު ރައީސް މިދިޔަ އޮކްޓޯބަރު މަހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މިރަށުގައި ކީރިތި ގުރުއާނާބެހޭ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ވަރަށް ފުރިހަމަ ގޮތެއްގައި ފެށިގެންދާނެ ކަމުގައި ވިދާޅުވެފަ އެވެ. އެ ސެންޓަރަކީ މުޅި އެ ސަރަޙައްދަށް ވެސް ފައިދާ ކުރުވަނިވި ތަނަކަށް ހައްދަވާނެކަމުގެ ޔަގީކަން އެ ދަތުރުފުޅުގައި އެ މަނިކުފާނު ދެއްވި އެވެ. އަދި ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ފުވައްމުލަކުގެ ގޮފީގެ އެކިއެކި ޕްރޮގްރާމްތަކުގައި މިހާރު ވެސް މި ސަރަޙައްދުގެ އެހެން ބައެއް ރަށްރަށުން ދަރިވަރުން ބައިވެރިވެރިވެފައިވާކަން ފާހަގަކުރައްވާފައިވެ އެވެ.
ފުވައްމުލަކުގައި ގާއިމްކުރާ ކީރިތި ގުރްއާނާބެހޭ މަރުކަޒުގައި ރިސެޕްޝަނާއި މީޓިން ރޫމްގެ އިތުރުން އޮޑިޓޯރިއަމަކާއި ލައިބްރަރީއެއް ހިމެނެ އެވެ. މި އިމާރާތުގައި އޮފީސް ހިންގުމަށް ވަކިން ބަޔަކާއި ގުދަނާއި ފާހަނާ ވެސް ހިމެނޭއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ނަމާދުކުރަން ކޮޓަރިއެއް ވެސް ހިމެނޭނެ އެވެ.
ޖުމްލަ 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒާ ޕްރައިވެޓް ލިމިޓެޑާ އެވެ.