މަތިންދާބޯޓެއްގެ ފިޔަގަނޑެއްގެ ބައެއް ދ. މީދޫ ބަޔަކު ކަނޑުމަތިން މިއަދު ހޮވައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފް "ހުރިހާ"އަށް މިރޭ ވިދާޅުވީ އެ އަތޮޅު ވެލާވަރު ރިސޯޓު ކައިރީގައި އޮންނަ ކަނޑުއޮޅިން ފެނުނު މަތިންދާބޯޓުގެ ފިޔަގަނޑުގައި 25 ވަރަކަށް ފޫޓު ހުންނާނެ ކަމަށެވެ. އަދި އެ ފިޔަގަނޑު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިޔާސް ވިދާޅުވި އެވެ.
"އެއީ ފިޔަގަނޑުގެ މެދުން ފެށިގެން ކޮޅާ ހަމަޔަށް އޮތް ބައި. އޭގެގައި އެއްވެސް އެއާލައިނެއްގެ މާކެއް ފެންނާކަށް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
އިޔާސް ވިދާޅުވީ އެ ފިޔަގަނޑު ބެލުމުން ވަރަށް ގިނަ ދުވަސްވީ ފިޔަގަނޑެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު ބަޔަކަށް އޭތި ފެނިގެން ކަފުޖަހައިގެން ގެނައީ. އަޅުގަނޑު މިހާރު އެކަން ޕޮލިހަށާއި އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވާނެ،" އޭނާ ވިދާޅުވި އެވެ.
މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް 239 ފަސިންޖަރުންނާ އެކު ދަތުރުކުރި މެލޭޝިޔަން އެއާލައިންސްގެ މަތިންދާ ބޯޓު 2014 ވަނަ އަހަރުގެ މާޗް މަހު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އަދި އެ ބޯޓު ގެއްލުނު ދުވަސްވަރު ދ. ކުޑަހުވަދޫ ބަޔަކަށް އެ ބޯޓު ދަތުރުކުރިތަން ފެނުނު ކަމަށް ބުނެ ވާހަކަދެކެވުނެވެ. ނަމަވެސް އެއީ ހަގީގަތެއް ކަމެއް ޔަގީނެއްނުކުރެ އެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ކަމަށް ބެލެވޭ އެ ބޯޓުގެ އެކި ބައިތައް ކަމަށް ޝައްކު ކުރެވިގެން އެ ސަރަހައްދުގެ އެކި ގައުމުތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އެ ގޮތުން ދިވެހި ރާއްޖޭން ވެސް އެ މަތިންދާބޯޓުގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗިހިތަކެއް ފެނިގެން މެލޭޝިޔާ ސަރުކާރުން ވަނީ އެ ތަކެތި ގެންގޮސް ތަހުގީގު ކޮށްފަ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް އެއްޗަކީ އެމްއެޗް370 ގެ ބައި ތަކެއް ނޫން ކަމުގައި ވަނީ ކަށަވަރުވެފަ އެވެ.
އޮސްޓްރޭލިއާގެ އިތުރުން މެލޭޝިއާ އާއި ޗައިނާ ގުޅިގެން އެމްއެޗް370 ފެނޭތޯ ބެލުމަށް 120،000 ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވެ އެވެ.