ތ. ދިޔަމިގިލީ މުދިމަށް އިއްޔެ ހެނދުނު ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
ދިޔަމިގިލީ މުދިމަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. މަޑިފުށީ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކުރުމުން އެމީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ކޯޓުން ވަނީ މިއަދު އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި ހަމަލާއިން ޒަޚަމްވި ފިރިހެން މީހާ ރޭ މާލެ ގެނެސް މިހާރު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި ހަމަލާދިން ސަރަހައްދުގައި ހުރި ގެއެއްގެ ސީސީޓީވީ ކެމެރާއަކުން ހަމަލާގެ މަންޒަރު ރެކޯޑުކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ފެތުރެމުންނެވެ.
އެ ވީޑިއޯގައި މީހަކު މަގުމަތިން މުދިމު ހުއްޓުވައި ވާހަކަދައްކަން ހުރި މަންޒަރު ފެނެ އެވެ. އަދި އެއަށްފަހު ކުއްލިއަކަށް އޭނާ މުދިމަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
މުދިމަށް ހަމަލާދިން ވަގުތު އޭނާ އަތުގައި ވަޅިއެއް ވެސް އޮތެވެ. އަދި ހަމަލާ ދިނުމާއެކު މުދިމު މިހާ ފާރު ކާރިއަށް ވެއްޓި ހަރަކާތް ނުކުރެވި އޮތް އިރު ވެސް، ހަމަލާދިން މީހާ ވަނީ ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު އަނެއްކާ ވެސް ގޮސް ހަމަލާދީފަ އެވެ.
މުދިމުގެ ހަށިގަނޑަށް އެތައް ފަހަރަކު ހަމަލާދިނުމަށްފަހު އޭނާ ވަނީ އެ ސަރަހައްދުގައި ހުރި ވެލި ބަސްތާތަކެއްގައި ވަޅީގައި ހުރި ލޭ ހާކައި ސާފުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯއާއެކު ގިނަ ބަޔަކު ވަނީ މި އަނިޔާވެރި އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ. އަދި މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.