ޖަކާޓާ (05 ޑިސެމްބަރު) - އިންޑޮނޭޝިއާގެ އިރުމަތީ ޖާވާގައި ހުރި އަލިފާން ފަރުބަދައެއް ކަމަށްވާ މައުންޓް ސެމެރޫ ގޮވައި ނުރައްކާ ބޮޑުވުމާއެކު އެސަރަހައްދުގައި ދިރިއުޅުނު އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި އެވެ.
އިންޑޮނޭޝިއާ ގަޑިން މެންދުރުފަހު 3:00 ޖެހި އިރު ހިނގި މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުން ބޯވެ އިތުރު ހާދިސާތަކެއް ހިނގާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ފަރުބަދައިން ފޭބި ލާވާގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށް ގޮންޖެހުންތައް ކުރިމަތިވީ ނަމަވެސް ރެސްކިއު ޓީމްތަކުން ވަނީ އެ ސަރަހައްދުގައި ދިރިއުޅުނު މީހުންނަށް ކައިރި އެހެން އަވަށްތަކުގައި ވަގުތީ ހިޔާތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ފަރުބަދަ ގޮވުމުގެ ހާދިސާގައި މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ނަމަވެސް ދުމާއި ކުނޑީގެ ސަބަބުން ބައެއް މީހުންނަށް އަވަސް ފަރުވާ ދޭން ޖެހުނު ކަމަށް އެގައުމުގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީއިން ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމާއެކު ކުޑަ ކުދިން ހިމެނޭހެން ގިނަ ބަޔަކު ރައްކާތެރިކަން ހޯދުމަށްޓަކައި އެކި ކޮޅުކޮޅު މައްޗަށް ދުވެ އެވެ.
އެސަރަހައްދުގެ އިދާރާތަކުން ވަނީ ފަރުބަދައިގެ ވަށައިގެން ފަސް ކިލޯމީޓުގެ ހިސާބެއް ރެޑް ޒޯނުގެ ގޮތުގައި ކަނޑައަޅައި އާއްމުންނަށް ބަންދު ކޮށްފަ އެވެ.
ޖިއޮގްރަފީ ގޮތުން އިންޑޮނޭޝިއާ އޮންނަ ހިސާބުގެ ގޮތުން އަލިފާން ފަރުބަދަ ގޮވުމާއި ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކަކީ އެގައުމުގައި ވަރަށް އާއްމު ކާރިސާތަކެކެވެ.
2004 ވަނަ އަހަރު އިންޑިއާ ކަނޑުގެ ޖަޒީރާ ރަށްތަކަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ ވެސް އިންޑޮނޭޝިއާގެ ރަށެއް ކަމަށް ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމަކާއެކު އުފެދުނު ބިޔަ ރާޅެކެވެ. – އަލް އަރަބިއްޔާ