އުމުރުން 19 އަހަރުގެ އަންހެނަކަށް މާލޭގައި އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ މެންދަމު 1:30 ހާއިރު މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާ ދޫކޮށްލާފައި ވަނީ ބަންދުގައި ބެހެއްޓުމުގެ މުއްދަތު ހަމަވުންނެވެ.
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ވަކި ޝަރުތުތަކަކާ އެކު އެވެ. އެގޮތުން މާލެ ސަރަހައްދުން ބޭރަށް ދާނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި ތަހުގީގަށް ހާޒިރުވާން އަންގާ ވަގުތަކަށް އަންގާ ގޮތަކަށް ހާޒިރުވާން ޖެހޭނެ ކަމަށް އެ ޝަރުތުތަކުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުމަށާއި، އެހެން މީހަކު މެދުވެރިކޮށް ވެސް މުއާމަލާތު ނުކުރުމުގެ އިތުރުން ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށާއި، ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
މި މައްސަލާގައި އަނިޔާ ލިބިފައިވަނީ ވެސް އުމުރުން 19 އަހަރުގެ އަންހެނެކެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާ ހުޅުމާލެއަށް ގެންގޮސް އަނިޔާކޮށްފައިވާއިރު، އޭނާ ހުޅުމާލެ ގެންގޮސްފައި ވަނީ ރަހީނުކޮށްގެން ކަމަށް ވެސް ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ނަމަވެސް އަންހެނަކު ރަހީނުކުރި ކަމަށް ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ އަންހެން މީހާއަށް މީގެ ކުރިން ވެސް އެ ފިރިހެން މީހާގެ ފަރާތުން އަނިޔާ ލިބިފައިވާ ކަމަށާއި، އެކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާއިން ބުނެފައިވެ އެވެ.
މި މައްސަލައިގައި އަންހެން މީހާއަށް އަނިޔާލިބެމުން ދަނިކޮށް އެސަރަހައްދަށް މީހުން އެއްވުމާ ގުޅިގެން ފުލުހުން ގޮސް ފިރިހެން މީހާ ހައްޔަރުކުރި ކަމަށް ހަބަރު ލިބެ އެވެ.