ބުރަ ދިރިއުޅުމުން ވަގުތު ހޯދައިގެން ކިތަންމެ ކުޑަ ވަގުތު ކޮޅަކު ނަމަވެސް ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ދުވާލަކު ދެ ތިން މިނެޓަކު ދުވެލުމުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ފަހުގެ ދިރާސާއަކުން ހާމަވެފައިވެ އެވެ.
ޔުނިވާސިޓީ އޮފް އެކްސްޓާސްގެ، ލީޑް އޯދަރ ވިކްޓޯރިޔާ ސްޓައިލްސް ކުރި ދިރާސާއަކުން ހާމަވާގޮތުގައި ކޮންމެ ދުވަހަކު 60-120 ސިކުންތަށް ދުވާ އަންހެނެއްގެ ކަށީގެ ދުޅަހެޔޮކަން 4 ޕަސެންޓް އިތުރެވެ. އަދި މިނެޓަކަށް ވުރެ މަދުން ދުވާ މީހަކާއި އަޅާ ބަލާއިރު ހަ ޕަސެންޓް ކަށީގެ ދުޅަހެޔޮކަން ރަނގަޅެވެ.
ސްޓައިލްސް ބުނާގޮތުގައި މިއީ 2500 އަށް ވުރެ ގިނަ އަންހެނުން ބޭނުން ކޮށްގެން ކުރި ދިރާސާ އެކެވެ. މަދު ވަގުތުކޮޅަކަށް ދުވުމަކީ ރަނގަޅު ކަމެއް ކަން ގިނަ ބަޔަކަށް ނޭނގޭ ނަމަވެސް ހަފްތާއަކު ދެ ދުވަހު ގިނައިރު ކަސްރަތުކޮށްފައި ބާކީ ހުރި ދުވަސްތަކުގައި ކަސްތަރު ނުކުރާ މީހަކާއި ކޮންމެ ދުވަހަކު ދެ މިނެޓް ބަރުއުފުލައިގެން ދުވާ މީހަކާއި ހަމަހަމަ ކަމަށް މި ދިރާސާގައި ދައްކާފައިވެ އެވެ.
އޭގެ އިތުުރުން އިންޓަނޭޝަނަލް ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ވެސް ބުނެފައިވާ ގޮތުގައި ބަރު ބޭނުންކޮށްގެ ކަސްރަތު ކުރާ އަންހެނުންގެ ކަށީގެ ދުޅަހެޔޮކަން ރަނގަޅެވެ. އެއާއެކު ކަށީގެ ދުޅަހެޔޮކަން ރަނގަޅު ވުމުގެ ސަބަބުން މުސްކުޅިވުމުން ކަށިތައް ފީވެ ހަލާކުވުމުން ދުރުކޮށްދޭ ކަމަށް ވެސް ސްޓައިލްސް ބުނެފައިވެ އެވެ.