އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ބާރުވެރިކަމަކީ ހަމައެކަނި އެންމެ ބާރަށް ވާހަކަ ދެއްކުމުން ނުވަތަ އެހެން މީހުންނަށް އަމިއްލަ ނަފްސު ސާބިތު ކޮށްދޭން އުޅުމުން ލިބޭ ކަމެއް ނޫނެވެ.

ނަފްސާނީ އިލްމުވެރިން ފާހަގަކުރާ ގޮތުގައި، އެއީ ވިސްނުންތެރި ކަމާއެކު ނިންމުންތައް ނިންމުމާއި، މަގުސަދެއް އޮވެގެން މުއާމަލާތް ކުރުމާއި، އަދި އަމިއްލަ އަމަލުތަކުން އެހެން މީހުންނަށް ކުރާ އަސަރު ދެނެގަތުމުން އުފެދޭ ކަމެކެވެ.

އާއްމު ދިރިއުޅުމުގައި އިތުރަށް ބާރުވެރިވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު ކުރުމަށް ނަފްސާނީ އިލްމުވެރިން އިރުޝާދު ދޭ މުހިއްމު 7 އުސޫލެއް ތިރީގައި އެވަނީ އެވެ.

1. ނިޔަތް ސިއްރު ކުރުން

އަމިއްލަ ރޭވުންތަކާއި އަމާޒުތައް އުފެދޭއިރު އެކަމުގެ ވާހަކަ އެހެން މީހުންނާ ހިއްސާ ކުރުމަކީ އުފާވެރި ކަމަކަށް ވެދާނެ އެވެ. ނަމަވެސް މާ އަވަހަށް އެފަދަ ވާހަކަތައް ދެއްކުމުން ބޭކާރު ހިޔާލުތަކާއި، ފާޑުކިޔުންތަކާއި، އަދި ސަމާލުކަން ގެއްލޭ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ. އަމާޒަށް ތައްޔާރު ވަންދެން ރޭވުންތައް އަމިއްލަ ނަފްސަށް ސިއްރުގެ ގޮތުގައި ބެހެއްޓުމުން، އެހެން މީހުންގެ ނުފޫޒަކާ ނުލައި ފޯކަސް ދަމަހައްޓަން ފަސޭހަވެ އެވެ. އިއުލާނުތަކަށްވުރެ އަމަލީ ނަތީޖާގެ އަޑު އަބަދުވެސް ގަދަވާނެ އެވެ.

2. ބޭކާރު ވާހަކަ މަދު ކުރުން

ސާފު، ވިސްނުންތެރި މުއާމަލާތަކީ ހިތަށް އަންނަ ހުރިހާ އެއްޗެއް ދެއްކުމަށްވުރެ މާ ނަތީޖާ ރަނގަޅު ކަމެކެވެ. އަމިއްލަ ނަފްސުގެ ސަބަބުތައް މާބޮޑަށް ބަޔާންކޮށް ސާފު ކޮށްދޭން އުޅޭވަރަކަށް، އެހެން މީހުންނަށް ތިބާގެ މެސެޖާ މެދު ސުވާލު އުފެއްދުމާއި އޮޅުންބޮޅުންތަކަށް ފުރުސަތު ބޮޑުވެ އެވެ. އިތުބާރާއެކު ވާހަކަ ދައްކައި، ބަސްތައް ހިޔާރު ކުރުމުގައި ވިސްނާށެވެ. ބައެއް ހާލަތްތަކުގައި ހަނު ހުރުމަކީ ވާހަކަ ދެއްކުކުމާ އެއްވަރަށް ބާރުގަދަ ކަމެކެވެ.

3. ބަސް މަދުކޮށް އަމަލުން ދެއްކުން

ބަހުސަކުން ކާމިޔާބު ހޯދުމަކީ އެހެން މީހެއްގެ ވިސްނުން ބަދަލުވާނެ ކަމެއް ނޫނެވެ. ނަމަވެސް ސާބިތުކަމާއެކު ކުރާ އަމަލުތަކުން މީހުންގެ ވިސްނުން ބަދަލު ކޮށްދެ އެވެ. އެހެން މީހުންނަށް ކަންކަން ވިސްނައިދޭން ހަކަތަ ދޫކޮށްލުމުގެ ބަދަލުގައި، ރަނގަޅު ނަތީޖާ ނެރުމަށް އިސްކަން ދޭށެވެ. ބަހުސެއްގެ ތެރޭގައި ދެއްކި ވާހަކަތައް މީހުން ހަނދާން ނެތުނު ކަމުގައި ވިޔަސް، ތިބާ ހާސިލުކުރި ނަތީޖާ އަބަދުވެސް ހަނދާނުގައި ހުންނާނެ އެވެ.

4. އަމިއްލަ ނަފްސާއި ވަގުތުގެ އަގު ވަޒަން ކުރަން ދަސްކުރުން

އަބަދު އެހެން މީހުންގެ ކަންކަމަށް ވަގުތުން ވަގުތު ހުސް ކުރާނަމަ ތިބާ ހުރުމުގެ އަގު މީހުންގެ ކުރިމަތީގައި ކުޑަވެގެންދެ އެވެ. ބޭނުންވާ ހާލަތްތަކުގައި އަމިއްލަ ނަފްސަށް ވަގުތާއި ޖާގަ ދިނުމަކީ، ތިބާގެ ވަގުތާއި ހަކަތައަކީ އަގުހުރި އެއްޗެއްކަން އެހެން މީހުންނަށް ހަނދާން ކޮށްދޭނެ ކަމެކެވެ. މީގެ މާނައަކީ އަޅާލާ މީހުންނާ އެކީ އޮންނަ ގުޅުން ކެނޑުމެއް ނޫނެވެ. އެއީ އަމިއްލަ އިންތައް ކަނޑައެޅުމެވެ.

5. ފުރިހަމަ މީހަކަށް ވާން މަސައްކަތް ނުކުރުން

އިހްތިރާމް ލިބޭނީ އެއްވެސް އުނިކަމެއް ނެތް މީހަކަށް ވެގެން ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. ނަމަވެސް "ޕާފެކްޓް" ވާން އުޅުމުން މީހުންނާ ދުރު، ވާހަކަ ދައްކަން އުނދަގޫ މީހެއްގެ ގޮތުގައި ސިފަވެދާނެ އެވެ. ކުޑަ ކުށެއް ގަބޫލު ކުރުމުން ނުވަތަ އަމިއްލަ ނިކަމެތިކަން ހާމަ ކުރުމުން ތިބާއަކީ އިންސާނެއްކަން ދައްކުވައިދީ، މީހުންނާ އޮންނަ ގުޅުން ބަދަހިވެ އެވެ. ހަގީގީ ގޮތުގައި އުޅުމަކީ ފުރިހަމަވާން އުޅުމަށްވުރެ ގުޅުންތައް ވަރުގަދަ ކޮށްދޭ ކަމެކެވެ.

6. ވައުދުތައް ވުމުގެ ކުރިން ފުންކޮށް ވިސްނުން

ބޮޑެތި ޒިންމާތަކާ ހަވާލުވެ ވައުދުތައް ވުމުގެ ކުރިން، އެކަމަކީ ތިބާގެ އަމިއްލަ ހަމަތަކާއި ދުރު ރާސްތާ އަމާޒުތަކާ ގުޅޭ ކަމެއްތޯ ވިސްނާލަން ވަގުތު ނަގާށެވެ. އަވަސް އަރުވާލައިގެން ވައުދުތައް ވުމުން އަމިއްލަ އެކި ކަންކަމުގައި އޮންނަ ފްލެކްސިބިލިޓީ ގެއްލި، ހާލަތްތައް ބަދަލުވާއިރު ކުރިމަތިލާން އުނދަގޫވެ އެވެ. ވިސްނުންތެރިކަމާއެކު ނިންމާ ނިންމުންތަކުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ހާސްކަން ކުޑަ ކޮށްދެ އެވެ.

7. އަމިއްލަ އަބުރާއި އިއްޒަތް ހިމާޔަތް ކުރުން

ތިބާގެ އަބުރަކީ އަމަލުތަކާއި، ބަސްތަކާއި، އަދި އެހެން މީހުންނާމެދު ކަންކުރާ ގޮތުން ވަގުތާއެކު ބިނާވާ އެއްޗެކެވެ. ތިބާ އަމިއްލައަށް ނަފްސު ސިފަކޮށްދޭ ގޮތް ރަނގަޅަށް ނުބަހައްޓައިފިނަމަ، އެހެން މީހުން ތިބާއާމެދު ގޮތް ކަނޑައަޅާނީ ނުބައި ނުވަތަ ފުށުއަރާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. ސާބިތުކަމާއެކު، އިތުބާރުހުރި، އަދި އިޙްތިރާމްކުރާ މީހެއްގެ ގޮތުގައި ހުރުމުން އަމިއްލަ ހަގީގީ ނަފްސު ސިފަކޮށްދޭ އަބުރެއް އުފެދިގެންދާނެ އެވެ.