ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް(އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.
ބީއެމްއެލްއިން އެކަން ފާހަގަކުރުމުގެ ގޮތުން މެންހެޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި ޚާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފަ އެވެ.
މި ހަފްލާގައި 61 މުވައްޒަފަކަށް އެވޯޑް ދީފައިިވާއިރު، މި ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ އެވެ.
މިގޮތުން 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ޒުލްފާ މުހައްމަދު، ކަސްޓަމާ ސާވިސް މެނޭޖާ އަދި 30 އަހަރު ބޭންކަށް ހިދުމަތް ކޮށްދެއްވައިފައިވާ ޝަމްސިއްޔާ އިބްރާހިމް، ހެޑް އޮފް ކަސްޓަމާ ޕްރޮސެސިން އަށް ވަނީ މި ހަފްލާގައި ޚާއްސަ އެވޯޑެއް ދީފަ އެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ ޓިމް ސޯޔަ ވަނީ އެ މުވައްޒަފުން ބެންކަށް ހީވާގިކަމާއެކު މަސައްކަތް ކުރާކަން ފާހަގަކުރައްވައި ފަހުރުވެރިވާކަމަށް ވިދާޅުވެފަ އެވެ.
"ތިޔަ މުވައްޒަފުން ބޭންކުގައި އެހާމެ ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތް މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ ނުހަނު ފަހުރުވެރިކަމާއެކު. ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮފެޝަނަލް ކަމާއެކު ކުރައްވާ މަސައްކަތައް ޝުކުރު އަދާކުރަން. މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަދާކުރައްވަމުންދާ މުހިންމު ދައުރު ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޓީމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުނި ކަމަށްވާ ބީއެމްއެލް ގައި މަސައްކަތްކުރާ 99 އިންސައްތަ މުއައްޒަފުންނަކީ ދިވެހިންނެވެ.
މިގޮތުން ބީއެމްއެލް އިން ދަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. އަދި ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމުގެ އިތުރުން މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ގެންދާކަން ފާހަގަކުރާކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން ސްޓާފް އެވޯޑް އަދި ލޯންގް ސާވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުން އަންނަ ކަމަށެވެ.