ސްޓްރެސް، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފުސާނީ ބަލިތަކަކީ ވަރަށް ބޮޑަށް އާއްމުވެފައިވާ ބަލިތަކެކެވެ. މި ބަލިތަކަށް ފަރުވާ ހޯދުމަށް ފަހު ވެސް ރަނގަޅުނުވާ ނަމަ ތީބާގެ ކެއުމާމެދު ވިސްނާލުން ރަނގަޅުވާނެ އެވެ.
މި ލިޔުމުގައި މި ބަލާލަނީ އެ ކެއުންތަކެއްގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ބައެއް ކެއުންތަކުގެ މައްޗަށެވެ.
ރީފައިންޑް ކާބޯހައިޑްރޭޓްސް
އާދައިގެ ގޮދަންފުށާއި ހަނޑޫ އަދި ހުދު ޕާން ފަދަ ރީފައިންޑް ކާބޯހައިޑްރޭޓްސް ލިބިދޭ ކެއުންތަކަކީ ހިތުގެ ބަލިތަކާއި ހަކުރު ބަލި ފަދަ ދާއިމީ ބަލިތަކަށް މަގުފަހި ކުރުވުމުގެ އިތުރުން ޑިޕްރެޝަނަށް ވެސް މަގުފަހިކުރުވާ އެއްޗައް ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ. އެހެންކަމުން ކެއުމުގައި މި ބާވަތްތައް މަދުކުރަން ވިސްނާށެވެ.
ހަކުރު
ހަކުރު އަޅައިގެން ތައްޔާރު ކޮށްފައިވާ ލުއި ކާނާއަކީ އިންސާނާގެ ހަށިގަނޑުގައި ވަރުޖައްސައިދިނުން ކުޑަކޮށްދީ އަވަހަށް މޫޑު ބަދަލުވުމުގެ އިތުރުން އެންޒައިޓީ ވެސް ކުރިމަތިވާ ކަމެކެވެ. ޕެކެޓް ކޮށްފައިވާ ޖޫހާއި ޖޭމު އަދި ޖެލީ ފަދަ ހަކުރުލީ ކާތަކެތި ކެއުމުގައި ބޭނުން ނުކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.
ކެފެއިން
ކެފެއިންނަކީ ހަށިގަނޑުގައި ދައުރުވާ ހޯމޯންތަކުގެ ކޮންޓްރޯލް ގެއްލުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ކަޅު ކޮފީ އާއި އެނާޖީ ޑްރިންކްސް ފަދަ ބުއިންތައް ބޭނުންކުރުމަކީ މީހާގެ ނިންޖަށް އަސަރުކޮށް ނަފްސާނީ ދުޅަހެޔޮކަން ކުޑަކޮށްދޭ ކަމެކެވެ.