ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަންލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށައެޅި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ރާއްޖެއިން އެދިއްޖެ އެވެ.

ރާއްޖެއިން މިގޮތަށް އެދުނީ ރާއްޖެއާއި މޮރިޝަސްގެ އިން ނުވަތަ ހާއްސަ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމުގެ ގޮތުން މިއަދު ރާއްޖެއިން ފާހަގަކުރި ނުކުތާތަކުގެ ތެރޭގަ އެވެ. ރާއްޖޭގެ ފަރާތުން މިއަޑުއެހުމުގައި ވާހަކަފުޅު ދެއްކެވީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް ޚަދީޖާ ޝަބީން އެވެ.

އެ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ބަންޑާރަނާއިބު ރިފްއަތު ވަނީ އަނގަބަހުންނާއި ލިޔެކިއުމުން ހުށައެޅި ބަޔާންތަކަށް ރިޔާއަތްކުރައްވާ މިމައްސަލައަކީ ޓްރައިބިއުނަލްއަށް ބެލޭނެ މައްސަލައެއް ނޫންކަން ފަހަގަކުރައްވައި އެގޮތަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަންލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށައެޅި މައްސަލައިގެ އަޑުއެހުމުގައި ބަންޑާރަ ނައިބު ރިފްއަތު ވާހަކަދައްކަވަނީ. ފޮޓޯ: އޭޖީ އޮފީސް

ބަންޑާރަ ނާއިބުވަނީ ދެ ގައުމުގެ އިމުގެ މައްސަލާގައި ރާއްޖެއާއި މޮރީޝަސް އާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ވާހަކަ ދައްކައިގެން ދެ ގައުމުގެ ދެމެދު މައްސަލަ ޙައްލުކުރުމަށް އޭނާ ހުށަހެޅުއްވި އެވެ. އަދި މޮރިޝަސް އިން ބޭނުންވާ ހުށައެޅުމަކަށް ދިއުމަށް އިއުތިރާޒެއް ނެތްކަމަށް ވެސް ރާއްޖެއިން ވަނީ ހުށަހަޅައިފަ އެވެ.

"ނިންމާލުމުގެ ކުރިން ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ އަވަށްޓެރި މޮރިޝަސްގެ ރައްޔިތުންނާ އެކުވެރި ގުޅުމެއް އޮންނަން ރާއްޖޭން ބޭނުންވެޔޭ. މި ރޫހުގައި، ރާއްޖޭން މޮރިޝަސް އަށް މި ދައުވަތު ދެނީ އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގެ މައްސަލާގައި އުފެދިފައިވާ ޚިލާފާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް. މި ޚިޔާލުތަފާތުވުން ސީދާ އައިސީޖޭ އަށް ހުށަހަޅައިގެން އެކަމުގައި ގޮތެއް ކަނޑައެޅުމަށް. ނުވަތަ މޮރިޝަސް އިން ބޭނުންވާ ހުށަހެޅުމަކަށް މަޝްވަރާކުރަން ވެސް ރާއްޖެ މި އޮތީ ތައްޔާރަށް،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މޮރިޝަސްއާ އެއްކޮޅަށް ނެރުނު ބަޔާނާ ހަވާލާ ދެއްވާ ބަންޑާރަ ނާއިބު ވިދާޅުވީ ދިމާވެގެން އުޅޭ މައްސަލައަކީ އިގްތިސާދީ ސަރަހައްދާ ގުޅޭގޮތުން އައިސީޖޭ އިން ފާޅުކޮށްފައިވާ ޚިޔާލަކީ ޗާގޯސް އައިލެންޑްގެ މިލްކުވެރިކަމާ ބެހޭގޮތުން މޮރިޝަސްއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ދެބަސްވުންތައް ނިމުމަކަށް ގެނެވިދާނެކަމާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުމެއް ކަމަށެވެ.

"ރާއްޖެއާއި އަވަށްޓެރި މޮރީޝަސްގެ ރައްޔިތުންނާ އެކުވެރި ގުޅުމެއް އޮންނަން ރާއްޖެއިން ބޭނުންވޭ. ވީމާ އަޅުގަނޑުމެން މިދައުވަތު އަރުވަނީ މޮރިޝަސްއަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ހުށައެޅި ލަފާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް. އަދި އެ މަޝްވަރާތަކަށް އައިސީޖޭއަށް ހުށައަޅައިގެން ވަކިގޮތެއް ނިންމުމަށް. ނުވަތަ މޮރީޝަސްއިން ހުށައަޅާ ހުށައެޅުމަކަށް މަޝްވަރައަށް ދިއުމަށްވެސް ރާއްޖެއިން މިއޮތީ ތައްޔާރަށް،" ބަންޑާރަނާއިބު ވިދާޅުވި އެވެ.

ރާއްޖެއާއި މޮރިޝަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފު ބައުންޑަރީ ކަނޑައެޅުމަށް އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިޓްލިސްއަށް ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިމަހުގެ 13 ގަ އެވެ. އެ އަޑުއެހުމުގައި ވެސް ބަންޑާރަ ނައިބު ވަނީ މޮރިޝަސް އިން މަސައްކަތްކުރަނީ ނަހަމަގޮތެއްގައި އެހެން މަގުސަދެއް ހާސިލުކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.

ބަންޑާރަ ނައިބު ވަނީ އިޓްލަސްއަށް ހުށަހަޅާފައިވާ މައްސަލައަކީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ހައްލުކުރެވިދާނެ މައްސަލައެއް ކަމަށް ފާހަގަކޮށްފަ އެވެ. އަދި ދެ ގައުމުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސްއަށް މައްސަލަ ހުށައަޅާފައި ވަނީ އެ ކަމުގައި ރާއްޖެއާ ޚިލާފެއް އުފެދިގެން ނޫން ކަމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށައެޅުމުގައި ލިބިފައިވާ ހައްގުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ހިފައި މުޅިން އެހެން މަގުސަދެއް ހާސިލުކުރުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަންލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށައެޅި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވި ރާއްޖޭގެ ޓީމު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އޭޖީ އޮފީސް

ރިފްއަތު ވިދާޅުވީ އެ މައްސަލަ ހުށައަޅާފައިވަނީ ޗާގޮސް އައިލެންޑްސް (ފޯޅަވަހި)ގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށްކަން ކަނޑައެޅުމަށް ކަމަށެވެ. އަދި މޮރިޝަންސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް މައްސަލައެއް ހައްލުކުރުމަށް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ޓްރައިބިއުނަލްއަށް ހުށައެޅީތީ ހިތާމަކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޯޅަވަހިގެ މައްސަލައަކީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ކުރިން ދެކެމުންއައި ނަމަވެސް 2010ވަނަ އަހަރު ރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރިޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދައި އދ. އަށް އެ މައްސަލަ ހުށައަޅާފަ އެވެ.

ރާއްޖޭގެ ހުށައެޅުމުގައި ފޯޅަވަހީގެ ހާއްސަ އިގްތިސަދީ ސަރަޙައްދު ފާހަގަކޮށްފައި ނުވާތީ މޮރިޝަސްއިން ވަނީ އެކަމަށް އިއުތިރާޒްކޮށް ރާއްޖެއިން ހުށައަޅާފައިވާ ސަރަހައްދާއި އެ ގައުމުގެ ކަނޑުގެ ސަރަޙައްދާއި ފުށުއަރާކަމަށް ބުނެފަ އެވެ. އަދި އައްޑު އަތޮޅާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާއި މެދު ވަކިގޮތަކަށް އެއްބަސްވުމަށް ވެސް މޮރިޝަސްއިން ވަނީ ރާއްޖެއަަށް ގޮވާލާފަ އެވެ.